ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއަދުގެ މެޗު ފަށައިގެން 7 ވަނަ މނެޓުގައި ނިލަންދޫން ވަނީ ލީޑު ނަގާފައެވެ. ދަ ގްރާންޑޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މި ގޯލް ނިލަންދުއަށް ކާމިޔާބުކޮށްދިނީ ޖަޕާންގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ.

މެޗުގެ ކުރީކޮޅު ނިލަނދޫން ލީޑު ނެގި ނަމަވެސް، ދަ ގްރާންޑޭއިން ފަހުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުގެ ޔަސްފާދު ހަބީބް (މުލަކޭ) އަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުލަކޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެފަހުން 28 ވަނަ މިނެޓުގައި އަޔާޒް އަހުމަދު ނަގައިދިން ހުރަހަކުން އޮބައިދާ ވަނީ ނިލަންދޫގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ނިލަންދޫގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި މުލަކޭ ދަ ގްރާންޑޭއަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް، ގޯލް ޖެހުމުގެ ކުރިން ނިލަންދޫގެ ގޯލްކީޕަރަށް ފައުލްކުރުމާއި ގުޅިގެން ރެފްރީ ވަނީ އެ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.

ދެވަނަ ހާފު ފަށައިގެންވެސް ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދެއްކިއިރު، 64 ވަނަ މިނެޓުގައި އެޓީމުން ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އިމާޒް (އާއްކޮ) ބޮލުން ފޮނުވާލި ބޯޅަ، ނިލަންދޫގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން މުލަކޭ ދިން ޕާހަކުން އަޔާޒް ވަނީ ދަ ގްރާންޑޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނިލަންދުއަށް މެޗުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 75 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވާޑް ލޫކަސްއަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ދަ ގްރާންޑޭގެ މުހައްމަދު ނިޒާމްއަށް ފައުލުކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން 85 ވަނަ މިނެޓުގައި ލީޑު ނެގުމަށް ދަ ގްރާންޑޭގެ އާއްކޮއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އާއްކޮ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުގައި އެތީމުން ދެއްކި ކުޅުމާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން މި މެޗުގައި ނުހިފުނު ކަމަށެވެ. ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޓީމު އޮތް ހާލަތަށް ބަލާފައި މި މެޗުން ލިބުނީ ވަރަށް މުހިންމު ޕޮއިންޓެއް ކަމަށެވެ. އެގޮތުން މިއަދުގެ މެޗަށްވެސް ޓީމު ހަމަކުރެވުނީ ވަރަށް ހާލުން ކަމަށާއި، ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސްދޭ ކަމަށްވެސް ބުންޏެވެ.

މި މެޗުން ލިބުނު ޕޮއިންޓަކާއެކު ދަ ގްރާންޑޭ އޮތީ ތާވަލުގެ ފަސްވަނައިގައި 16 މެޗުން 21 ޕޮއިންޓާއެކު އެވެ. އަދި ނިލަންދޫ ވަނީ 16 މެޗުން 14 ޕޮއިންޓު ހަމަކޮށް ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ.