ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވި ތިން މަހާއި 18 ދުވަހުގެ ޖަލުހުކުމް ތަންފީޒުކޮށް ނިމުނަސް އެއްކޮށް މިނިވަން ނުވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އަދީބަށް ތިން މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އިއްވީ އެމަނިކުފަނު ފުރުން މަނާ ކޮށްފައި ވަނިކޮށް، ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި މައްސަލައިގައި ޝަރީއަތް ހިންގައި، ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލައިގައި މައާފަށް އެދިވަޑައިގެންފައި،،އަދީބުގެ ގާނޫނީ ޓީމުން ބުނީ އެ މައްސަަލައިގައި އަދީބުގެ މައްޗަށް އިއްވި ހުކުމް، 1 ޖެނުއަރީ 3 ވާ، ހުކުރު ދުވަހުގެރޭ 00:00 އަށް ތަންފީޒުކޮށް ނިމޭނެ ކަމަށެވެ.

އެެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ފަހުން އިއްވި ހިޔާނާތުގެ ދައުވާތަކާއި ގުޅިގެން އެއްކޮށް އަދި މިނިވަން ނުވާނެ ކަމަށެވެ. "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގައި ރާއްޖެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް އެތެރެވާން އުޅެނިކޮށް އަދީބް އަތުލައިގަތީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

އަދީބް ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުރިހާ ޖަލު ހުުކުމެއް ބާތިލްކުރުމާ ގުޅިގެން މިނިވަންވެފައި ވަނިކޮށެވެ. ނަމަވެސް އަދީބްގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ.

އަދީބް ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވީ އޭނާއަށް އިންޒާރުދީ ބިރު ދައްކައިގެން ކޯޓުގައި ހެކިބަސް ދިނުމަށް ބާރުއެޅުމުން ކަމަށް އަދީބް ވަނީ ވިދާޅުވެފަ އެވެ. އަދީބް އިންޑިއާއަށް ދަތުރުކުރެއްވުމަށްފަހު އެ ގައުމުގެ ހިމާޔަތަށް އެދިވަޑައިގެންނެވި ނަމަވެސް އިންޑިއާ އިން ވަނީ ހިމާޔަތްދޭން ދެކޮޅު ހަދައި ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅިގެން އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލުހުކުމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށް މިދިޔައަހަރުގެ ފަހުކޮޅު ވަނީ ހިޔާނާތުގެ 7 ދައުވާ އެއް އުފުލާފައެވެ. އެއީ މަނީލޯންޑަރިންގެ ދެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް މަންފާ ހޯދުމުގެ ދައުވާއާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާގެ އިތުރަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.