ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފޯކައިދޫ ފުޓްބޯލް ކްލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ފޯކައިދޫ އަތުން މާޒިޔާ މޮޅުވީ 3-2 އިންނެވެ. މި މޮޅާއެކު މާޒިޔާ އެއްވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް 14 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. އަދި މިރޭ މާޒިޔާ އަތުން ބަލިވި ފޯކައިދޫ އޮތީ ތާވަލުގެ ހަވަނައިގައި 16 މެޗުން 20 ޕޮއިންޓާއެކު އެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅި މާޒިޔާއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށް ހުރެ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ، އެޓީމުގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓަށް ދޭން ޖައްސާލި ބޯޅަ ދިޔައީ އޭނާއަށް ނުލިބި ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ސްޓެވާޓް ދިން ބޯޅައަކުން ނާއިޒް ހަސަން (ދާދު) ފޮނުވާލި ހަމަލާއެއް، ފޯކައިދޫގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.

މެޗުގައި މާޒިޔާއިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓްއެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 އިން މާޒިޔާ ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެންވެސް މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، 49 ވަނަ މިނެޓުގައި ދާދު ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނިވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު 57 މިނެޓުގައި އަހުމަދު އަމްޖަދު ނަގައިދިން ކޯނަރަކުން ހުސެއިން ފަޒީލް ވަނީ ފޯކައިދުއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުން މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، 62 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ފޯކައިދޫގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ އެޓީމަށް އަލުން ލީޑު ނަގާދީފައެވެ.

އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު ހަސަން (އިއްބެ) މާޒިޔާއަށް ލީޑު ފުޅާކޮށްދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން މާޒިޔާގެ ގޯލްކީޕަރު އަޒީޒީ އޯވޭސް އަތުން ބައިކޮޅަށް ވަން ގޯލުން ފޯކައިދޫން ފަރަގު ކުޑަކުރިއެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މަރުޖާން ސްކުލޮސްކީ ބުނީ 16 މެޗުން މާޒިޔާއިން 41 ޕޮއިންޓު ހޯދާފައިވާއިރު، ޓީމުގެ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗުގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމާދޭތެރޭވެސް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ޓީމު އޮތް ހާލަތާ ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ޓީމު ހަމަކުރުމަކީ މިވަގުތު ކުރިމަތިވެފައިވާ ޗެލެންޖެއް ކަމަށެވެ.