އެންމެ ބާރަށް ގޮވާ އެންމެ އަޑުގަދަ ދޫންޏަކީ ކޮބައިކަން އެނގޭހެއްޔެވެ. އެއީ ބެލްބާރޑޭ ކިޔޭ ދޫނީގެ ފިރިހެން ވައްތަރެވެ. މިއީ ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި އުޅޭ މަދުވައްތަރެއްގެ ދޫންޏެކެވެ. އެސޮރުގެ ގޮވެލީގެ ބާރުމިނަކީ 126 ޑެސިބެލްއެވެ. އެއީ ގާތްގަޑަކަށް މަތިންދާބޯޓެއްގެ އަޑާ އެއްވަރުގެ ބާރުމިނެވެ.

ޑެސިބެލްއަކީ އެކި އަޑުއަޑުގެ ބާރުމިން ބުނެދޭ މިންގަނޑެވެ. މިސާލަކަށް އެންމެ ބާރަށް ކިނބިހި އަޅާ މީހެއްގެ ކިނބިހީގެ ބާރުމިނަކީ 90 ޑެސިބެލްއެވެ. ބާރަށް ގޮވާ ކޮވެލީގެ އަޑު 115 ޑެސިބެލްއަށް އަރައެވެ. ސިންގާގެ ގޮވުމުގެ އެންމެ ބާރުމިނަކީ 114 ޑެސިބެލްއެވެ.

އިންސާނެއްގެ ކަންފަތަށް 140 ޑެސިބެލްއަށްވުރެ ބާރު އަޑެއް އެހުން ކުޅަދާނައެއް ނޫނެވެ. އެކަންފަތެއް ވަގުތުން ބީރުވާނެއެވެ. ނުވަތަ ބޮޑެތި ގެއްލުންތަކެއް ވާނެއެވެ. މިހާތަނަށް އިންސާނެއްގެ ކަރުތެރެއިން ބޭރުވި އެންމެ ގަދަ އަޑުގެ ބާރުމިނަކީ ރިކޯޑްކުރެވިފައިވާ ގޮތުން ޖިލް ޑްރޭކް ކިޔުނު އަންހެނެއްގެ އަޑެވެ. އޭނާގެ ހަޅޭކުގެ ބާރުމިނަކީ 129 ޑެސިބެލްއެވެ. މަތިންދާބޯޓެއް ޖައްސާއިރާއި ނައްޓާލާއިރު އޭގެ ތެރޭގައި ތިބޭ ބަޔަކަށް އިންޖީނުގެ އަޑު އިވޭނީ ގާތްގަޑަކަށް 105 ޑެސިބެލްގެ ބާރުމިނުގައެވެ. އެނޫން ވަގުތު 85 ޑެސިބަލްގެ ބާރުމިނުގައެވެ.

އަޑުގެ ރަސްގެފާނުގެ ތާޖު ލިބިފައިވާ ބެލްބާރޑް ދޫނީގެ އަޑަކީ ކޮވެލި ނޫނީ ގުރާފަދަ ދޫނީގެ އަޑުކަހަލަ އަޑެއް ނޫނެވެ. ނޭނގޭ މީހަކަށް އެއަޑު އިވިގެން އެއީ ދޫންޏެއްކަންވެސް މޭރުމެއް ނުވާނެއެވެ. ބޮޑަށް ވައްތަރީ ރޮބޯޓެއްގެ އަޑާއެވެ. ދާދިފަހުން އެމޭޒަން ޖަންގަލީގައި ދުވަސްތަކެއް ހޭދަކޮށް ތަޖުރިބާކާރުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ދުނިޔޭގެ އެންމެ އަަޑުބާރު އެހެން ދޫނިތަކަށްވުރެ ހަގީގަތުގައިވެސް ބެލްބާރޑް ދޫނީގެ އަޑު ގާތްގަޑަކަށް 9 ޑެސިބެލް އިތުރެވެ.

ބެލްބާރޑު ދޫންޏަކީ ދާދި ކުޑަކުޑަ ދޫންޏެކެވެ. އެޔަށް މިވަރުގެ ބާރު އަޑެއް ލިބިފައިވުމަކީވެސް ބޮޑު އަޖާއިބެކެވެ. ބެލްބާރޑުގެ ފިރިހެން ދޫނި މިވަރުގެ ބާރުއަޑެއް ނެރެ ގޮވަނީ ކީއްކުރަންބާވައެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެއީ ބެލްބާރޑުގެ އަންހެން ދޫންޏަށް ފަރިދެއްކުމަށާއި ގާތްވުމަށް ދައުވަތު ދިނުމަށް ނެރޭ އަޑެކެވެ. އަންހެންދޫނިތައް ގަޔާވާކަމަށްވަނީ އަޑު ބާރުވިރަކަށެވެ. މިއީ އިންސާނުންނާއި ވަރަށް ތަފާތުކޮށް ހިނގާ ކަމެކެވެ. އިންސާނުންގެ ތެރެއިން ފިރިހެނަކު މާބާރު އަޑުއަޑު ނެރެންޏާ އަންހެނުންތައް ދުވާނީ ދުރަށެވެ.

ބެލްބާރޑް ދޫނީގެ އަޑު އެންމެ ބާރުވަނީ އަންހެން ދޫންޏެއް އެސޮރުގެ ކައިރީގައި އިންނަ ވަގުތުތަކުގައެވެ. މިއީ އެހެން ދޫނިސޫފާސޫފީގެ ތޮބީއަތާވެސް ތަފާތުކޮށް ހިނގާ ކަމެކެވެ. އެހެން ދޫނިތައް ގަދަ އަޑުން ގޮވަނީ ދުރުދުރުގައިވާ ދޫނިތަކާ މުވާސަލާތު ކުރުމަށެވެ. ބެލްބާރޑް ދޫނި ގަދަ އަޑުން ގޮވަނީ ކައިރީގައި ޖެހިގެން އިންނަ ދޫނީގެ ލޯބި ހޯދުމަށެވެ.