• ސައުުތު އީސްޓް އޭޝިއާގެ އެންމެ ފަލަ އަންހެނުން ދިރިއުޅެނީ ރާއްޖޭގައި
  • ހިކި ކޮންމެ މީހަކީ ފިޓް މީހެއް ނޫން
  • ފަލަ ބައްޔަށް އޮތް ހައްލަކީ ހެލިފެލިވެ އުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން

ދިވެހިރާއްޖެއިން ހާސިލްކުރަން ބޭނުންވާ ސާސްކަފް ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގިނަ ލަނޑުދަނޑިތައް މިހާރު ހާސިލްކުރެވެމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ސިއްހީ ދުޅަހެޔޮކަން ދަށްވުމުގެ ސަބަބުން ޖެހޭ ބަލިތަކަށް އެކަށީގެންވާ ހައްލުތަކެއް ރާއްޖެއިން ހޯދިފައި ނުވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޤައުމުތައް ހިމެނޭހެން މި ސަރަޙައްދުގައި އޮބީސިޓީ ރޭޓް ނުވަތަ ފަލަ ބަލި އެންމެ މަތި އެއް ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ހިމަނާފައެވެ. ދިވެހިރާއްޖޭގައި 2003 ވަނަ އަހަރުން ފެށިގެން އޮބީސިޓީގެ މިންވަރު ވަރަށް ބޮޑަށް މަތިވަމުންދާ ކަމަށް ރިޕޯޓްތަކުން ދަނީ ހާމަވަމުންނެވެ.

މުޅި ދުނިޔެއަށް ބަލާއިރު ކޮންމެ 3 މީހަކުން 1 ނުވަތަ ކޮންމެ 4 މީހަކުން އެކަކީ މިފަދަ މީހެކެވެ.

އޮބީސިޓީއާއި ދިވެހިންގެ ދިރިއުޅުމާއި އޮތް ގުޅުން:

ރާއްޖެ ފާހަގަވެފައިވަނީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުންވެސް އެންމެ ގިނައިން އޮބީސް، ނުވަތަ ފަލަ އަންހެނުން ހިމެނޭ ގައުމުގެ ގޮތުގައެވެ.

ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނަށްވާއިރު އާބާދީގެ 49 އިންސައްތަ އަންހެނުން އަދި 35 އިންސައްތަ ފިރިހެނުންނަކީ އޯވަރވެއިޓް ނުވަތަ އޮބީސްކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުން ދައްކައެވެ.

ކުޅިވަރުގެ ދާއިރާއިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ ހުސައިން ހަލީމް ނުވަތަ ކުޑަހުސެއިން ވިދާޅުވީ މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ހެލިފެލިވެ އުޅުމުގެ މައްސަލަ ކަމަށެވެ.

ސައިކަލްތަކާއި ކާރުތަކުގަ ތަންތަނަށް ދިޔުމާއި، ކެޔުމުގެ ބާވަތްތަކުގައިވެސް ޖަންކްފުޑް ހިމެނުމާއި، މިފަދަ ވަރަށް ގިނަ ސަބަބުތަކާ ހުރެ މީހުން އޯވަވެއިޓް މިވަނީ
ކުޑަ ހުސައިން

ސްޕޯޓްސްއަށް ޚާއްސަ އެކަޑަމީއެއްވެސް ހިންގަވަމުންދާ ކުޑަހުސައިން ވިދާޅުވީ މިމައްސަލައަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިންނާއި އެކިއެކި ޖަމްޢިއްޔާތަކުންވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި މިގޮތުން ބައެއް ގައުމުތަކުގައި ގައުމީ ފެންވަރެއްގައިވެސް ޚާއްސަ ކެމްޕެއިންތައް މިކަމަށް ޚާއްސަކޮށް ކުރިއަށް ގެންދާކަމަށެވެ.

ރާއްޖޭގައިިވެސް އޮބީސިޓީގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ކުޑަހުސެއިން ވިދާޅުވީ ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި އެޑިޔުކޭޝަން ސިސްޓަމް އެންމެ ރަގަޅު ގައުމުތަކުގެ ތެރޭގައި ނަގާކިޔާ، ފިންލޭންޑާއި ސިންގަޕޫރު ފަދަ ގައުުމުތަކުގެ ސްކޫލުތަކުގައި ސްޕޯޓްސްއަށް ޚާއްސަ ޕްރޮގްރާމްތައް ހިންގާ ކަމަށާއި ކަސްރަތަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދެކިގެން، އޮބީސިޓީގެ މައްސަލަ ހައްލުކުުރުމަށް އެ ގައުމުތަކުން މަަސައްކަތް ކުރަމުންދާ ކަަމަށެވެ.

ކުޑަހުސެއިން ވަނީ ރާއްޖޭގެ އެޑިޔުކޭޝަން ސިސްޓަމް މިގޮތަށް ބަދަލުކޮށްގެން ނޫނީ އޮބީސިޓީ ރާއްޖެއިން ނައްތާނުލެވޭނެކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން އޯލެވެލް އަދި އޭލެވެލްގައި އޭ ފާސް ހޯދުމަށް ކުދިންނަށް ބާރުއަޅާ ފަދައިން ކަސްރަތާއި ހެލިފެލިވެ އުޅެވޭނެ ގޮތްތައް ވަކި މާއްދާއެއްގެ ގޮތުގައި ކަރިކިޔުލަމްއަށް ލާންޖެހޭކަމަށް ވިދާޅުވިއެވެ.

އޯލެވެލް، އޭލެވެލްއަށް އޭ ސްޓާރ ހޯދުން މި ރާއްޖޭގައި މި އޮންނަނީ، މުޅިންވެސް ކިޔަވައިގެން ކުރިއަށް ދިޔުން، ސްކޫލުތަކުގައިވެސް ކިޔަވައިދިނުން، ގެއަށް އައިސް ދެން މިދަނީ ޓިއުޝަނަށް، އެއްވެސްކަމެއްގައި ކަސްރަތާ ގުޅުންހުރި، ކަސްރަތަށް އަހުލުވެރިވާފަދައަކުން އެކަމެއް ނުހިނގާ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވިޔަފާރިތަކާއި ކަންކަމުގައި ކުރިއަރާފައިވަނީވެސް، އަދި ކާމިޔާބުވެފައިވަނީ ވެސް ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅޭ މީހުން.
ކުޑަ ހުސައިން

އެހެންނަމަވެސް މިހާރުގެ ބައެއް ބެލެނެވެރިން ކަސްރަތާއި ކަސްރަތުގައި ދަރިން ބައިވެރިކުރުވުމަށް އިސްކަން ދޭކަން ހުސައިން ފާހަގަކުރެއްވިއެވެ.

ގޮންޖެހުން:

މިކަމުގައި ހުރި ގޮންޖެހުމެއްގެ ގޮތުގައި ހުސައިން ފާހަގަކުރެއްވީ ރާއްޖޭގައި މިދާއިރާއިން ކިޔަވައިގެން ތިބި ފަންނީ މީހުން މަދުކަމެވެ. ހަމައެކަނި 2 ނޫނީ 3 މަހުން ހަދާލާ ޓްރެއިނިންގ އަކުން މިފަދަ ކަމެއް ފަށައިގަތުމަކީ އެންމެ ރަގަޅު ގޮތް ނޫންކަން ކިޔައިދެއްވަމުން ހުސައިން ވިދާޅުވީ ކަސްރަތުކުރަންދާ ބައެއް ފަރާތްތަކުން އެކި ކަހަލަ އަނިޔާތައް ވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށާއި މިހެން ދިމާވަނީ އެކަމަށް އެކަށީގެންވާ ފަންނީ މީހުން ބިނާވެފައި ނެތުމުން ކަމަށެވެ.

މަދު ވަގުތަކުން ބޮޑު ބަދަލެއް:

ދިވެހިންނަކީ ބުރަ މަސައްކަތްކުރާ، މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް ވެފައި، އޮބީސްފަދަ ނޭދެވޭ ބަލިތަކުން ސަލާމަތްވުމަށް، ގިނަ، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ބަޔަކަށް ވާއިރު، މިކަމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަކީ އޯވަވެއިޓް މީހުން ކުރު މުއްދަތެއްގެ ތެރޭގައި ހިކެން ބޭނުންވުމެވެ.

މިކަމަށް އިޝާރާތްކުރައްވާ ޑރ ހުސައިން ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންކަމުގައިވާނަމަ އަބަދުވެސް ކަސްރަތު ކުރަންޖެހޭ ކަމަށާއި އެއާއެކު ކެޔުމުގެ ވައްޓަފާޅިއަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ފަލަވެފައިވާ މީހުން އެއްފަހަރާ ހިކެން މަސައްކަތް ކުރުމުގެ ބަދަލުގައި މަޑުމަޑުން، ކެޔުމާއި ކަސްރަތާއެކު ކުރިއަށް ގެންދިޔުމަށް ހުސައިން ނަސޭހަތްތެރިވެވަޑައި ގެންނެވިއެވެ. މިއާއެކު މިހާރަކަށް އައިސް މާރކެޓްކުރަމުންދާ ތަފާތު ވިޓަމިންސްތަކާއި ސަޕްލިމެންޓްސްތައް ބޭނުން ނުކުރުމަށް ހުސައިން ވަނީ ވިދާޅުވެފައެވެ.

ހިކިކޮށް ތިބުން އެއީ ކަސްރަތު ކުރަން ނުޖެހޭ ސަބަބެއް ނޫން:

މިހާރަކަށް އައިސް ގްރޭޑް 2 ،3، އަދި 4 ގެ ދަރިވަރުންނަކީވެސް ހެލިފެލިވެ ނޫޅޭ ކުދިންގެ ގޮތުގައި ޑރ ހުސައިން ފާހަގަކުރެއްވިއެވެ. ފަލަ ނޫންކަމުގައިވިޔަސް، އެހާ ހެލިފެލިވެ ނޫޅޭކަން ފާހަގަކޮށް ހުސައިން ވިދާޅުވީ މި އުމުރުގެ ކުދިންގެ ހަށިގަނޑުގައި މޮޓޯ ސްކިލްސް ވަރަށް ދަށްކަމަށެވެ.

އެހެންކަމުން ދުޅަހެޔޮ ސިއްހަތަކަށްޓަކާ ކަސްރަތު މުހިންމުކަން ހުސައިން ފާހަގަކުރެއްވިއެވެ. މިކަމުގައި ފަލަ، ނޫނީ ހިކިކޮށް ހުރުން އެއީ އުޒުރެއް ނޫނެވެ.

ދިރާސާތަކުން ދައްކާގޮތުގައި 1 ގަޑިއިރު ކަސްރަތަށް ހޭދަކުރާ މީހާގެ މަސައްކަތުގެ ސްޕީޑު އަވަސްވެ، 8 ގަޑިއިރުން ކުރެވޭ މަސައްކަތް 5 ގަޑިއިރުން ނިންމާލެވޭކަމަށް ހުސައިން ވިދާޅުވިއެވެ.

ހޭލުންތެރިވާންވެއްޖެ:

ރާއްޖޭގައި ގަވާއިދުން ކަސްރަތު ކުރަނީ ރާއްޖޭގެ އާބާދީގެ 100 އިން 5 މީހެއްކަން ފާހަގަކުރައްވާ ހުސައިން ވިދާޅުވީ މިހާރު މި ގެންގުޅޭ އާދަތައް ދޫކޮށްލުމަށްފަހު ހިނގާފައި އުޅުމާއި، މޫދަށް ދިޔުންފަދަ ކަންތައް ގިނަކުރަންޖެހޭ ކަމަށެވެ.

އޮބީސިޓީ ނުވަތަ ފަލަ ބައްޔަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމާބެހޭ ފަރާތްތަކުން ހައްލުކުރަންޖެހޭ ކަމެއްގެ ގޮތުގައި ހުސައިން ފާހަގަކުރެއްވިއެވެ. މިކަމުގެ ނުރައްކާތެރިކަން ބޮޑުކަމަާއި މިއީ ވަރަށް އަވަހަށް ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއްކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

އެހެންކަމުން މި ގައުމަކީ އޭޝިޔާގައިވާ އެންމެ ސިއްހަތު ރަގަޅު މީހުން އުޅޭ ގައުމަށް ހެދުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ޑރ ހުސައިން ހަލީމް ވިދާޅުވިއެވެ.