ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ރައްޔިތުން ބައިބައިވެގެން ދިއުމަކީ އަތޮޅުތަކާއި ރަށްތަކުގެ ތަރައްގީއަށް އެންމެ ދުޅަހެޔޮގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމްހޫރީ ޕާރޓީގެ ލީޑަރު އޮނަރަބަލް ގަސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި އުފެދެމުންދިޔަ ބައިބައިވުންތަކަކީ ސިޔާސީ ކުލަތަކުން އުފެދުނު ދެބަސްވުންތަކެއް ކަމަށާއި އެކަމުގެ ނިކަމެތި އަސަރުތައް ފެނިގެން ގޮސްފައިވަނީ އެއްްބައިވަންތަ ކަމެއް އޮތް ދިވެހި ރަށްތަކުގެ ޢާންމު މުޖުތަމަޢުތަކުން ކަމަށެވެ.

އދ. އަތޮޅުގެ ރަށްތަކުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން އިތުރުކޮށް ކުރިއަށް އޮތް އަތޮޅުތަކާއި ރަށްތަކުގެ ކައުންސިލް އިންތިޚާބަށް ޖުމްހޫރީ ޕާޓީން މެމްބަރުން ނެރުއްވުމަށް ކުރިއަށް ގެންދަވާ ކެމްޕޭންގައި ގާސިމް ވަނީ އެ އޮތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފަށްޓަވައިފައެވެ. މިދަތުރުފުޅުގައި މައިގަނޑުގޮތެއްގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވައިފައިވަނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަށް ދެމެހެއްޓެވުމަށްޓަކައެވެ. ސަބަބަކީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސިޔާސީ ބައިބައިވުންތަކުގެ އަސަރު ޢާންމު ދިރިއުޅުމަށާއި ތަރައްގީއަށް އެތައް ހުރަސްތަކެއް ކުރިމަތިކުރުވަމުން ދިއުމެވެ.

އަޅުގަނޑުމެން ވިސްނަމާ ހިނގާށޭ މި މާމިގިއްޔަކީ ދިވެހި ރާއްޖޭގަ އޮތް ހުރިހާ ގޮތަކުންވެސް އެންމެ ވަސީލަތް ގިނަ އެންމެ އަޚުލާޤު ރަނގަޅު އެންމެ ތަޢުލީމީ އެންމެ ޞިއްޙީގޮތުން އެންމެ ރަނގަޅު މީހުން ދިރިއުޅެވޭނެތަނަކަށް ހެދުމަށް. އެފަދަ ތަނަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައިގެން މަސައްކަތް ކޮށްފިއްޔާ އަޅުގަނޑަށް ޔަޤީން އެކަން ކުރެވޭނެކަން. އެހެންވީމާ މި ފުރުޞަތު ނަގައިނުލައި އަޅުގަނޑުމެން ކުރިއަށް ދިއުމަށްޓަކައި، މިތަން ހަލަބޮލިކޮށްލައި މިރަށުގެ ދޭދޭ މީހުން ޖައްސައި އޭތި މީތި ހަދައި ދޮގު ވާހަކަ ދައްކައިގެން އެކޮޅަށްހިނގައި މިކޮޅަށް ހިނގައި ވާހަކަ ދައްކަމުން ދަނިކޮށް އަމިއްލައަށް ފިނދަނައެއް މަޅިފައްޗަށް ޖެހުނުހެން ޖެހިފަ އެހެރީ ތާށިވެފަކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ކޮންމެހެން މީހެއްގެ ނަން ނުބުންޏަސް. ރައްޔިތުންގެ މަޖިލީހަށް ގެންގޮސްގެން މީހެއްގެ ވޯޓެއް ވިއްކައިލައިގެން މީހެއްގެ ވާހަކަ ދައްކަން އެއުޅެނީ ކާކުގެ ވާހަކައެއްތޯ. ކޮންމެހެން އެވާހަކަ ދައްކާކަށެއްނޫން އަޅުގަނޑު މިހެން މި ދެންނެވީ. އެހެންވީމާ މިހެން މިކަންތައްތައް ހުރިއިރު އެ ދޮގު ވާހަކަތައް ފަތުރައި މި ފަސާދަ އުފައްދަން އުޅުމުގެ ބޭނުމެއް ނެތޭ. އަޅުގަނޑުމެން އެންމެންނަކީވެސް އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުން ކަމުގައި ދެކިގެން ކަމަށް ބަލައިގެން ސިޔާސީ ކަންތައްތަކުގައި އޮންނަންވީ ވާދަވެރިކަން އެ ރީތި ގޮތުގައި އޮވެގެން އަޅުގަނޑުމެން ތެދު ވާހަކަ ދައްކައިގެން އަޅުގަނޑުމެން ކަންތައް ކުރަމާ ހިނގާށޭ."
އޮނަރަބަލް ޤާސިމް އިބްރާހީމް: ޖުމްހޫރީ ޕާރޓީގެ ލީޑަރު

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ތަރައްގީގެ ނަމުގައި ވަރަށްގިނަ ބޭކާރު ޚަރަދުތައް ކުރެވި ބައެއް ރަށްރަށުގައި ފަށާފައިވާ މަސައްކަތްތައް ކޮޅަކުން ކޮޅެއްގައިނުޖެހި ވީރާނާވެގެންވަނީ ގޮސްފައެވެ. ޚާއްސަ ގޮތެއްގައި އދ. އަތޮޅުގެ ބައެއް ރަށްރަށް އެފުށް މިފުށަށްޖެހޭ ހިސާބަށް ގެންގޮސްފައިވަނީ ދައުލަތުގެ މަޝްރޫޢުތަކުގެ ނަމުގައި ރައްޔިތުންގެ ފައިސާއިން ހިންގައިފައިވާ ބޭކާރު ޚަރަދު ތަކުންނެވެ. އަދި ބައެއް ރަށްރަށަކީ އެރަށް ރަށުގެ ޢާންމު ފަރުދުންގެ މަސައްކަތުން ކުރިކަމެއް ފިޔަވައި ސަރުކާރުން އިތުރު ކަންތައްތައް ކޮށްދިނުމުގައި ބުރަކި ޖެހިފައިވާ ރަށްތަކެވެ.

އެގޮތުން އދ. މާމިގިލީގައި ޒަމާނީ ވަސީލަތްތަކާއި މުވާސަލާތާއި ދަތުރުފަތުރުގެ ފަސޭހަތަކަށް ގާސިމް އިބްރާހީމްގެ އަމިއްލަފުޅު ޖީބުން ކުރައްވައިފައިވާ މަސައްކަތްތަކާއި އެމަނިކުފާނު އުފައްދަވައިދެއްވި ގިނަގުނަ ވަޒީފާތަކައި އެކުވެސް ދައުލަތުން މާބޮޑު މަސއްކަތްތަކެއް އެއްވެސް ސަރުކާރެއްގައި މިހާތަނަށް ކޮށްދީފައެއް ނުވެއެވެ.

އަދި ޒުވާނުން ބާރުވެރި ކުރުވައި ގައުމުގެ މުސްތަޤުބަލަކީ އެމީހުންކަމަށް އެކިއެކި މެނިފެސްޓޯތަކުގައި ވަޢުދުތައް ވަމުން ދިޔައިރު މާމިގިލި ފަދަ ރަށްރަށުގައި ޒުވާނުންގެ އެކިއެކި ޙަރަކާތްތަކަށް އުމްރާނީ ގޮތުން ކޮށްދެވިފައިވާ މަސއްކަތެއްވެސް ނެތެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ މާމިގިލީގެ ބައިނަލްއަގަވާމީ ފެންވަރުގެ ބަނދަރު ސަރަޙައްދުގައި އެރަށުގެ ފަރުދަކު ޕާކެއް އަޅައިދީފައިވާތީ އެއީ ޝުކުރުވެރި ކަމާއިއެކު ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ރަށުގައި ބައިނަލްއަގަވާމީ އެއަރޕޯޓެއް ހިނގަމުންދާއިރު ރަށުގައި އިންތިހާއަށް އެއްގަމު ދަތުރުތައް ކުރަން ޖެހޭއިރު ރަށުގެ މަގުތަކަށްވަނީ އެއްވެސް ތަރައްގީއެއް ނުލިބިއެވެ. މަގުތައް ރަނގަޅު ފެންވަރަކަށްހެދިފައި ނުވުމުގެ ސަބަބުން އަގުބޮޑު އުޅަނދުތައް އެރަށުގައި ދަތުރުކުރުމަށްދަތިވެ ކުރަން ނުޖެހޭ ބޮޑެތި ހޭދަތަކަށް އެތަކެތީގެ މަރާމާތަށް ކުރަން ޖެހުމަކީވެސް ރަށުގެ އެހެން ކަންކަމަށްކުރަން އަމިއްލަ ފަރާތްތަކުން ބޭނުންވާ ހޭދަ އެހެން ގޮތަކަށް ބަދަލުކުރަން ޖެހޭ ސަބަބަކަށް ވެފައިވެއެވެ.

ޖުނައިދު: މާގިލީ ކައުންސިލްގެ ކުރީގެ ރައީސް

މީގެއިތުރުން އެ ސަރަޙައްދުގެ ރިސޯރޓުތަކަށް އަންނަ ފަތުރުވެރީންގެ ޓްރާންސިޓް މަންޒިލަކަށް މާމިގިލި ވެފައި ރަށުގެ ގެސްޓުހައުސްތަކާއި ކައިރި ރިސޯޓުތަކުން ގްރީން ޓެކްސް ނެގޭއިރު ރަށުގެ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުން ވީހިސާބެއްވެސް އަދި ވަނީ ނޭނގުމުގެ ތެރޭގައެވެ. އަދި މުޅި އަތޮޅުވެސް ވަނީ އެފަދަ ޙާލަތެއްގައެވެ.

ދެން އޮންނާނީ ކުނިގޮނޑުގެ ކަންތައް. ކުނިގޮނޑަށް އަދި އެއޮތީ މާމިނގިލީގެ ރައްޔިތުންނަށް އަމިއްލައަށް މެނޭޖް ނުކުރެވޭ ޙާލަތުގަ. ވިލާއިން ޤާސިމް އިބްރާހީމް އެހީދެއްވައިގެން ޚާއްޞަކޮށް އެކަން ވަރަށްރަނގަޅަށް ކޮށްދެއްވާތީ އަޅުގަނޑުމެންނަށް މިހާ ހިސާބަށް އެކަން ބަލައި މެނޭޖް ކުރެވުނީ
މުޙައްމަދު ޖުނައިދު: މާމިގިލީ ކައުންސިލްގެ ކުރީގެ ރައީސް

INT

ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެންވަޔަރމަންޓަލް ޝެރިފްސް ނުވަތަ ތިވާވެށީގެ މައްސަލަތަކަށް ވަކާލާތުކުރައްވައި އަތޮޅުގެ ކަނޑުފަޅުތަކަށް ކުނިއެޅުން ހުއްޓުވައި އެފަދަ ކަންކަން ބެލުމަށް ކަނޑުމަތީގައި ޕެޓްރޯލްކުރާ ބަޔަކު ތިބުން ބުއްދިވެރި ކަމުގައެވެ.