ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު ފަހު މެޗުން ޓީސީ ސްޕޯޓްސް ކްލަބު އަތުން މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީގެ މައްޗަށް ޔޫވީ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މިމެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ނުވަވަނަ މިނެޓުގައި ޔޫވީން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ޔޫވީން ވަނީ ލީޑު ފުޅާކޮށްފައެވެ. ނާވީ މުހައްމަދު ދިން ޕާހަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހަމްދާނެވެ.

ފުރަތަމަ ހާފުގައި ޓީސީއަށް ފަރަގު ކުޑަކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު މުހައްމަދު ސާދު ނިޒާރަށެވެ. އެކަމަކު ގޯލު ކުރިމަތީ ހުރެ ސާދު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގައި ޔޫވީގެ ތިންވަނަ ގޯލް ދެވަނަ ހާފު ފަށައިގެން 50 ވަނަ ސިކުންތުުގައި ސިލިޗް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިސްމާއީލް ޝަފީއު (އިއްސެ) އެވެ.

އޭގެ ފަހުން ޓީސީން ކުޅުން ރަނގަޅުކުރިއިރު، 63 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ހުސް ފުރުަސަތެއް ލިބި ބޭކާރުވެފައެވެ. ހުހަށްހުރެ ސައްޓު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެކަމަކު 70 ވަނަ މިނެޓުގައި ޓީސީން ވަނީ ގޯލެއް ޖަހާފައެވެ. އަކްރަމް އަބްދުލް ޣަނީ (އަކޫ) ދިން ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސައްޓު އެވެ.

81 ވަނަ މިނެޓުގައި އިސްމާއީލް އީސަ (މެސީ) ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ހަތަރު މިނެޓު ފަހުން ޔޫވީން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްފައެވެ. ސިލިޗް ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޗުމްޕު އެވެ. އެކަމަކު 88 ވަނަ މިނެޓުގައި މެސީ ވަނީ ޓީސީގެ ފަރަގު ކުަޑަކޮށްދީފައެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗާ ކުރިމަތިލީ މޮޅެއް ހޯދުމަށް ކަމަށާއި ނަތީޖާއާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު ފުޓްބޯޅައިގައި މިކަހަލަ ދުވަސްތައްވެސް އަންނާނެ ކަމަށާއި، ޓީމު އޮތް ހާލަތަށް ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ މެޗަކަށްފަހު މެޗެއް އެ ޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި، ދެވަނަ ބުރު ނިންމާލަން ބޭނުންވީ މިއަދުގެ މެޗުން މޮޅުވެ ހަތްވަނައިގައި ކަމަށެވެ. އެކަމަކު އަދި މިހާތަނަށްވެސް ލީގުގެ ތިންވަނަ ބުރު ބާއްވާނެ ކަމެއް ޔަގީންވެފައި ނެތިމާއެކު، ތިންވަނަ ބުރު ނުބާއްވައިފިނަމަ އެއީ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށްބޮޑު ގެއްލުމެއް ކަމަށްވެސް ބުންޏެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔޫވީ ދެވަނަ ބުރު ނިންމާލީ ތާވަލުގެ ހަތްވަނައިގައި 16 މެޗުން 16 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 14 މެޗުން 25 ޕޮއިންޓާއެކު އެވެ.