ފ. ނިލަންދޫގައި މީލާދީ އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ފުޓްސަލް މުބާރާތުގެ ކުޅުން ފަށައިފި އެވެ.

ނިލަންދޫ ރަށްވެހި ގްރޫޕާއި ޖަމްއިއްޔަތުއް ޝަބާބު ނިލަންދޫ އަދި އަލަނާސިކެފޭ އެންޑް ބިސްޓްރޯ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗާއި ނިލަންދޫ އިޖްތިމާއީ މަރުކަޒުގެ އެހީތެރިކަމާއެކު ރޭ ފެށި މިމުބާރާތުގައި ނިލަންދޫގެ ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ.

"ބީއެމްއެލް ރަށްވެހި ނިއު އިޔާ ފުޓްސަލް ޗެލެންޖު 2020" ފެށުމުގެ ގޮތުން ނިލަންދޫ ފުޓްސަލް ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދެވެ. މިރަސްމިއްޔާތުގައި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ނިލަންދުއަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން ތިބި ރަށެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން މިހާރުވެސް ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ތަމްސީލު ކުރަމުންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކުއްޖެއްގެވެސް އަމާޒަކަށް ހަދަންވީ މިފަދަ މުބާރާތްތަކުން ލިބިގެންދާ ހުނަރުގެ ތެރެއިން މޮޅު ކުޅުންތެރިއަކަށްވެ، މުސްތަގުބަލުގައި ނިލަންދޫ ޓީމުގައި ހިމެނި، ނިލަންދޫ ފަޚުރުވެރި ކުރުވާނެ ކުޅުންތެރިއަކަށް ވުން ކަމަށްވެސް ވިދާޅުވިއެވެ.

ނިލަންދޫ ފުޓްސަލް މުބާރާތުގެ ތެރެއިން ----

މުބާރާތުގެ ފުރަތަމަ މެޗުގައި ވައިޕާސް އެފްސީ އާއި ނިލަންދޫ ޔަންގް ޖެނެރޭޝަން ވާދަކޮށް 4-1 އިން މެޗު ކާމިޔާބުކުރީ ނިލަންދޫ ޔަންގް ޖެނެރޭޝަންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔަންގް ޖެނެރޭޝަންގެ ކެޕްޓަން އަބްދުލް ބާސިތެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ ސިއްސުވާލި އާއި ސުޕާ ޖެނެރޭޝަން ކްލަބު (އެސްޖީސީ) ވާދަކުރި މެޗު 10-1 އިން ކާމިޔާބުކުރީ އެސްޖީސީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ އަކުރަމް އިސްމާއިލެވެ.

އަދި ރޭ ކުޅުނު ފަހު މެޗުގައި ތިން ހަރުގެ އާއި ސްޕޯޓްސް ކްލަބު ފަހުލަވާނު (އެސްސީއެފް) ވާދަކުރި މެޗު 24-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެސްސީއެފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްސީއެފްގެ އާދިލް އަލީ އެވެ.

ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކުރިޔަށް ގެންދާ މިމުބާރާތުގައި ފައިނަލްގައި ވާދަކުރާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

ހަމައެކަނި ނިލަންދޫގެ ރަށްވެހިންނަށާއި ނިލަންދޫގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.