ބަޣުދާދުގައި ހަރަކާތްތެރިވާ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީއަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ އިތުރުން، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިންވެސް ބުނެފައިވަނީ، ސުލައިމާނީއަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށެވެ.

އީރާނުގެ ކޮމާންޑަރަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޕެންޓަގަންއިން ވާހަކަ ދައްކާން މި ފެށީ، އެމެރިކާ ސިފައިން ދިން މިހަމަލާއަކީ އދގެ ޗަޓަރާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ހަމަލާއެއް ކަމުގެ ވާހަތައް ދެކެވި، އދއާއި ބައިނަލްއަގްވާމީ ގާނޫނީ ފަރާތްތަކުންވެސް މިއީ އެމެރިކާއިން ހެދި ބޮޑު ގޯހެއް ކަމަށް ބުނެ ކަންބޮޑުވުންތައް ފާޅުކުރާން ފެށުމުންނެވެ.

ޓްރަމްޕްގެ އަމުރުފުޅަށް އިއްޔެރޭ ބަޣުދާދުގައި ދެވުނު ހަމަލާގައި ޖެނެރަލް ސުލައިމާނީ އަވަހާރަވެ، އިތުރު އެތައްބަޔަކު މަރުވިއިރު، މި ހަމަލާގެ ސަބަބުން އެމެރިކާއާއި އީރާނުގެ މަސްރަހް މިހާރުވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އީރާނުގެ އޮފިޝަލުންވަނީ އެމެރިކާގެ ކިބައިން ބަދަލުހިފާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.

ސުލައިމާނީ އަވަހާރަކޮށްލަން ދެވުނު ހަމަލާއާ ގުޅިގެން އެމެރިކާގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރޭޓުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައި ވާއިރު، އިރާގުގެ ސަރުކާރުގެ ހުއްދަ ނެތި އިރާގުގެ ފަސްގަނޑުގައި މިފަދަ ހަމަލާއެއް ދިނުމުގެ އިޚްތާރު އެމެރިކާއަށް ނެތްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މިއީ، ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން އެމެރިކާގެ ގާނޫނާވެސް ޚިލާފަށް ޓްރަމްޕް ކުރެއްވި ކަމެއް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވަމުން އެބަގެންދަވައެވެ.

އިރާގުގެ ބޮޑުވަޒީރުވެސް ވިދާޅުވެފައިވަނީ، އެމެރިކާއިން ސުލައިމާނީއަށް ހަމަލާދިނީ އެމެރިކާ ސިފައިން އިރާގުގައި ބޭތިއްވުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. މިކަމާހެދި އެމެރިކާ ސިފައިން އިރާގުން ބޭރުކޮށްލުމަށް އިރާގުގެ ހުރިހާ ޖަމާއަތްތަކުންވެސް މިހާރު ގޮވާލުންތައް ގޮވާލަމުން އެބަގެންދެއެވެ.

އިރާގުގައި ހަރަކާތްތެރިވާ އީރާން ގުދުސް ފޯރސްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ:

އިރާގު ސަރުކާރުގެ ހުއްދަނެތި އިރާގުގެ ފަސްގަނޑުގައި މިފަދަ ހަމަލާއެއް ދިނުމުން އަދި އެމެރިކާއާ އެއްކޮޅަށް އިރާގު ނޭރުމުން އެމެރިކާއަށް ގާނޫނީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވެއެވެ.

ޕެންޓަގަންއިން މިއަދު ބުނެފައިވަނީ، ގާސިމް ސުލައިމާނީއަށް ހަމަލާދިނީ، އެމެރިކާއާ ދެކޮޅަށް ކުރިއަށް ރާވައި ހިންގަފާނެ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، ޖެރެނަލް ސުލައިމާނީ ގެންދެވީ އެމެރިކާގެ ޑިޕްލޮމޭޓުންނާއި ސިފައިންނަށް ހަމަލާތައް ދިނުމަށް ރާވަމުން ކަމަށެވެ. ސުލައިމާނީގެ ދުވަސް ދުއްވާލަން ނިންމެވީ ހަނގުރާމައެއް ހިނގިޔަ ނުދިމުމަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން، ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށް ހިތާމަ ފާޅުކުރުމާއި، އެމެރިކާއަށް ނުރުހުން ފާޅުކޮށް ބަޣުދާދުގެ މަގުތައް މިއަދު އޮތީ ފުރާލާފައެވެ. އާންމުން ގޮވަމުންދިޔައީ "އެމެރިކާއަށް މަރު" މިހެންނެވެ. އިރާގުގެ އިތުރުން، އީރާނުގައިވެސް އެމެރިކާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ދަނީ ހިނގަމުންނެވެ.