އިންޑިއާ ސަރުކާރުން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ލައްކައަކަށްވުރެ ގިނަމީހުން މަގުތަކަށް ނުކުމެ އަޑުއުފުލަމުން އެބަގެންދެއެވެ.

ހައިދަރްއަބާދުގެ މަގުތަކަށް ނުކުމެފައިވާ މީހުން ތިބީ އިންޑިއާގެ ގައުމީ ދިދަ ހިފައިގެންނެވެ. އެމީހުން ގެންދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް އަޑުތައް އުފުލަމުންނެވެ. އަދި އެމީހުން ގެންދަނީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައްވެސް ބޭނުންކުރަމުންނެވެ. ރަށްވެހިކަމުގެ ގާނޫނު އަނބުރާ ގެންދިއުމަށްވެސް ގެންދަނީ ގޮވާލަމުންނެވެ.

"މިލިއަން މާޗް" ގެ ނަމުން ނަންދީފައިވާ މިއަދުގެ ހިނގާލުން އިންތިޒާމު ކޮށްފައިވަނީ ހައިދަރްއަބާދުގެ އިސްލާމީ ޖަމާއަތްތަކުނާއި، މަދަނީ ޖަމްއިއްޔާތައް ގުޅިގެންނެވެ. ޚަބަރު ލިބޭގޮތުގައި، އެއްވުން ބާއްވަމުންދާ މައިދާނަށް އަދިވެސް މީހުންދަނީ ޖަމާވަމުންނެވެ.

މުޅި ހައިދަރްއާބާދުގެ އާބާދީ ގާތްގަނޑަކަށް ހަތްމިލިއަނަށް އަރާކަމަށް ލަފާކުރެވިފައި ވާއިރު، އޭގެ ތެރެއިން ސާޅީހަށްވުރެ ގިނަ އިންސައްތައަކީ މުސްލިމުންނެވެ.

"މިލިއަން މާޗް" ގެ ބައިވެރިން މައިދާނަކަށް އެއްވަމުންދިޔަ ނަމަވެސް ފުލުހުން ބުނަމުންދަނީ ހިނގާލުމެއް ބޭއްވިޔަ ނުދޭނޭ ކަމަށެވެ. އަދި ހުއްދަ ދެވިފައިވަނީ އެއްހާސް މީހުންގެ އެއްވުމެއް ބޭއްވުމަށް ކަމަށްވެސް ފުލުހުން ބުނަމުންދާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އަވަށްޓެރި ތިން ގައުމަކުން މުސްލިމުން ނުހިމެނޭގޮތަށް، އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބިގޭތޮތަށް، މޯދީގެ ސަރުކާރަށް އަޣުލަބިއްޔަތު އޮތް އިންޑިއާގެ ޕާލަމެންޓުން ބިލެއް ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ.

މިގާނޫނާ ދެކޮޅަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ދެކޮޅުވެރިކަމެއް ފެށި، މުޒާހަރާތައްވެސް ދަނީ ހިނގަމުންނެވެ. މުޒާހަރާތަކުގައި މިހާތަނަށް 25 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ. އަދި ފުލުހުން އެތައްސަތޭކަ ބަޔަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.

އިންޑިއާގެ ބައެއް ސްޓޭޓް ސަރުކާރުތަކުން ގެންދަނީ ރަށްވެހިކަމުގެ ގާނޫނު އެ ސްޓޭޓްތަކުގައި ތަންފީޒު ނުކުރާނޭ ކަމަށް ބުނަމުންނެވެ.

މި ގާނޫނުގެ މައްސަލައަކީ އިންޑިއާގެ ބޮޑުވަޒީރުކަމަށް މޯދީ ވަޑައިގެންނެވިފަހުން އޭނާއަށް ކުރިމަތިވެވަޑައި ގެންނެވި އެންމެ ވަރުގަދަ ގޮންޖެހުމެވެ. މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ކުރި ހުރިހާކަމެއް ފެއިލްވެފައި ވާއިރު، ރަށްވެހިކަމުގެ ގާނޫނު ތަންފީޒުކުރެވޭނޭ ކަމާމެދުވެސް މިހާރު ޝައްކުތައް އުފެދިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.