އިރާގުގެ އެމެރިކާ ސިފައިން ގާއިމްވެތިބޭ އެއަރބޭސްއަކަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ހަމަލާތައް އަމާޒުވެފައިވަނީ ވެރިރަށް ބަޣުދާދުގެ އުތުރުން 80 ކިލޯމީޓަރު ދުރުގައި ގާއިމްކޮށްފައިވާ ބަލަދް އެއަރބޭސްއަށެވެ.

އެތަނަށް ދެ ރޮކެޓް ވެއްޓިފައިވާ ކަމަށާއި، މިކަމަށް ބޭނުންކޮށްފައިވަނީ ކަޓްޔޫޝާ ރޮކެޓް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަލާމަތީ ދެ މަސްދަރަކުން ބުނެފައިވަނީ، ރޮކެޓް ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔައިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށްވެސް ދެ ރޮކެޓް ހަމަލާ ދީފައި ވެއެވެ. ނަމަވެސް، މިކަމާގުޅޭ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

އެމެރިކާ ސިފައިން ތިބޭ އަސްކަރީ ބޭސްއަށާއި، އެމެރިކާ އެމްބަސީ ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދިންކަމުގެ ރިޕޯޓްތައް ފެތުރިގެން މިދިޔައީ، އިރާގުގައި ހަރަކާތްތެރިވާ އީރާނު ސިފައިންގެ ފައުޖުގެ ކޮމާންޑަރު، އެމެރިކާ ސިފައިން އިއްޔެރޭ ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހް ވަރަށް ހޫނުވެފައި ވަނިކޮށެވެ. އީރާނުގެ ވެރިންވަނީ އެމެރިކާގެ ކިބައިން ވަރުގަދަ ބަދަލަކުން ބަދަލުހިފާނޭ ކަމަށް އިންޒާރު ކުރައްވާފައެވެ.