ސްޕެނިޝް ލީގުގެ ފުލުގައި އޮތް އެސްޕަންޔޯލްއާ ބާސެލޯނާ ރޭ އެއްވަރުވިއިރު، ގެޓާފޭ އަތުން ރެއާލް މެޑްރިޑް މޮޅުުވެއްޖެ އެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވީ 2-2 އިންނެވެ. މި މެޗު އެއްވަރުވި ނަމަވެސް ގޯލުގެ ތަފާތުން އަދިވެސް ތާވަލުގެ އެއްވަނަ ލިބެނީ ބާސެލޯނާ އަށެވެ. ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލަށް ވެސް ވަނީ 40 ޕޮއިންޓު ލިބިފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގައި ބާސެލޯނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބާސެލޯނާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައިން އެސްޕަންޔޯލްއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ލޯޕޭޒްއެވެ.

އެކަމަކު ބާސެލޯނާއިން ވަނީ ދެވަނަ ހާފު ފަށައިގެން 14 މިނެޓުގެ ތެރޭގައި އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ނުވަ މިނެޓު ފަހުން ބާސެލޯނާއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އާޓޫރޯ ވިޑާލް އެވެ.

މެޗުގެ 75 ވަނަ މނެޓުގައި ބާސާގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެސްޕަންޔޯލްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ވޫ ލީ އެވެ.

ގެޓާފޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން ---

ރޭ ބާސެލޯނާ ކުޅުނު މެޗުން އެޓީމު އެއްވަރުވިއިރު، ލީގުގައި ރޭ ގެޓާފޭގެ މައްޗަށް ރެއާލުން ވަނީ ފަސޭހަކަމާއެކު 3-0 އިން ކުރިހޯދާފައެވެ.

ގެޓާފޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލުން ޖެހި ފުރަތަމަ ގޯލަކީ ގެޓާފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ހާފ ފަށައިގެން އަށްވަނަ މިނެޓުގައި ޓޯނީ ކްރޫސްގެ އެހީތެރިކަމާއެކު ރަފައެލް ވަރާން ރެއާލަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގައި ފެޑެރީކޯ ވަލްވޭޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗް އެވެ.