ޕޯޓް ވޭލް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕޯޓް ވޭލްގެ މައްޗަށް ސިޓީ ކުރިހޯދީ 4-1 އިންނެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އިލްކާއީ ގުންޑޮގާން ދިން ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޒިންޗެންކޯ އެވެ. އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި ޕޯޓް ވޭލްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޓޮޕް ޕޯޕް ކާމިޔާބުކުރި ގޯލުން ޕޯޓް ވޭލުން ނަތީޖާ އެއްވަރުކުރި ނަމަވެސް، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފިލް ފޮޑެންގެ އެހީތެރިކަމާއެކު ސާޖިއޯ އަގުއެރޯ ވަނީ މެޗުގައި ސިޓީއަށް އަލުން ލީޑު ނަގާދީފައެވެ.

ސިޓީން މެޗުގައި ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައެވެ. ޓެއިލާ ހާވުޑްގެ ގޯލު އޮފްސައިޑު ކަމަށް އެންމެ ފުރަތަމަ ރެފްރީ ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެއީ ގޯލެއް ކަމަށް ނިންމާފައެވެ. އަދި މި މެޗުގައި ސިޓީގެ ހަތަރުވަނަ ގޯލް މެޗުގެ 76 ވަނަ މިނެޓުގައި އެންޖެލީނޯ ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބުކުރީ ފޮޑެން އެވެ.

ރޭގެ މޮޅާއެކު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް ސިޓީ ދަތުރުކުރިއިރު، ރޭ ކުޅުނު މެޗުން ވުލްވްސްއާ 0-0 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވިއިރު، ދެން މި ދެޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ޔުނައިޓެޑްގެ ދަނޑުގައެވެ.

މީގެ އިތުރަށް އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ލެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ވިގަން އެތުލެޓިކް ބަލިކޮށްފައެވެ. އަދި ސައުތެމްޓަން ވަނީ 2-0 އިން ހަޑާސްފީލްޑް ޓައުން އަތުން މޮޅުވެފައެވެ.