ޗައިނާ ފިޔަވައި އޭޝިއާގައި އޮތް އެންމެ ބޮޑު ބާރަކީ އިންޑިޔާއެވެ. އޭޝިއާގެ އެކި މައްސަލަތަކުގައި ކޮންމެ ބަޔަކަށްވެސް އިންޑިޔާގެ ރައުޔާއި ސިޔާސަތު ވަރަށް މުހިންމު ވާނެއެވެ. އެމެރިކާ އާއި އީރާނުގެ ކޯޅުންތައް އިމުން ބޭރުވެ ގަލްފުގައި ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ހިގައްޖެނަމަ އިންޑިޔާ އަރާނީ ކޮން ކޮޅަކަށް ބާވައެވެ. މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އީރާނަކީ އިންޑިޔާގެ އަވައްޓެރިއެކެވެ. ބައިވެރިއެކެވެ. އަނެއްކޮޅުން އެމެރިކާއަކީވެސް އިންޑިޔާއަށް ނުހަނު ބޭނުންތެރި ގައުމެކެވެ. ވިޔަފާރީގެ ޕާރޓްނަރެވެ. އެހެންވީމާ ކޮޅެއް އިޚުތިޔާރު ކުރުން ވާނީ ތުރާލަކަށެވެ.

އެމެރިކާގެ ރޮކެޓް ހަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުވެފައި ވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު އީރާނަށް ވަޑައިގެން އެއްބަސްވުމެއް ގާއިމު ކުރެއްވިތާ ހަފުތާއެއް ފަހުންނެވެ. މި އެއްބަސްވުމަކީ އީރާނުގެ އިރުދެކުނުގައިވާ ޗާބަހާރުގައި އިންޑިޔާއިން ގާއިމުކޮށް މިހާރު ނިމިފައިވާ ބަނދަރުގެ އެހެން މަސައްކަތްތައް ހަލުވިކުރުމުގެ އެއްބަސްވުމެކެވެ. މި ބަނދަރަކީ އަފްގާނިސްތާނަށް މުދާ އެތެރެކުރުމާއި ބޭރުކުރުމަށް އަމާޒުކުރެވޭ ބަނދަރެކެވެ. އަފްގާނިސްތާނަކީ ކަނޑުގެ އައްސޭރިއެއް ނެތި ވަށައިގެން ބެދިފައިވާ ގައުމެކެވެ. އެހެންކަމުން ޕާކިސްތާނާ ނުލައި އަފްގާނިސްތާނަށް ކުރިއެރުން ގެނައުމަށް އިންޑިޔާއާއި އަފްގާނިސްތާނުން ކުރާ މަސައްކަތުގައި ޗާބަހާރުގެ މަޝްރޫއު ވަރަށް މުހިންމެވެ. ޗާބަހާރު ބަނދަރުން ފެށިގެން ހަނި ކޮރިޑޯއެއް އީރާނުގެ ތެރެއިން ހުޅުވައިލީމާ އަފްގާނިސްތާނުގެ އެކަހެރިކަމަށް ނިމުމެއް އައީއެވެ. ޕާކިސްތާނާ ނުލައި އަފްގާނިސްތާނަށް ސަޕްލައި މަގެއް ހުޅުވައިލެވުނީއެވެ. އަފްގާނިސްތާނަށް ސީދާ މަގެއް އިންޑިޔާއަށްވެސް ލިބުނީއެވެ.

ޗާބަހާރު އޮންނަނީ ޕާކިސްތާނުގައި ޗައިނާއިން ތަރައްގީކުރާ ގުވަދާރު ބަނދަރާ އެންމެ ސަތޭކަ ކިލޯމީޓަރު ދުރުގައެވެ. މިއީ ޗައިނާއިން މެދުތެރޭ އޭޝިޔާގެ ޖުމްހޫރިއްޔާތަކަށް ގާއިމުކޮށްދޭ ވިޔަފާރީގެ ކޮރިޑޯއެކެވެ. އެތައް ބިލިޔަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. އެހެންވީމާ ގުވަދާރުގެ މަޝްރޫއުން ޗައިނާއަށާއި ޕާކިސްތާނަށް ލިބިގެންދާ ނުފޫޒާއި މަންފާ ހަނިކުރުމަށްޓަކައިވެސް ޗާބަހާރު ބަނދަރު އިންޑިޔާއަށް މުހިންމެވެ. އެވަރަކުން އަމިއްލަޔަށް ޚަރަދުކޮށްގެން އީރާނު ރުއްސައިގެން ޗާބަހާރުގެ މަޝްރޫއު ފެށީވެސް އެހެންވެގެންނެވެ. އީރާނަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމަކަށްވާތީ އީރާނުގައި މަޝްރޫއެއް ހިންގުމަކީ އިންޑިޔާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ އީރާނުގައި އިންވެސްޓްކުރާ ކުންފުނިތައް އެމެރިކާއިން ބްލެކްލިސްޓް ކުރާތީއެވެ.

ޝަރުތަކާއެކު އެމެރިކާވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން ޗާބަހާރު އިސްތިސްނާކޮށްފައެވެ. އެ ޝަރުތަކީ މި މަޝްރޫއުގައި އީރާނުގެ އިންގިލާބީ ގާރޑުންނަށް އެއްވެސް ދައުރެއް ނެތުމެވެ. އެމެރިކާއިން މިކަމުގައި އިންޑިޔާއަށް މިވަރުގެ ދުލެއް ދިނީ އިންޑިޔާއިން އެކަމަށް އެދުނުލެއް ބޮޑުކަމާއި މިއީ ޗައިނާގެ ނުފޫޒު ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއް ކަމަށް ގަބޫލުކުރެވިގެންނެވެ. އީރާނާ އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ޗާބަހާރުގެ މަޝްރޫއު ހުއްޓޭނެއެވެ. އިންޑިޔާއަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވާނެއެވެ. ދުރު ކުރިމަގަށް އަމާޒުކުރެވިފައިވާ ޕްލޭންތައް އޮޅުންބޮޅުމުގެ ތެރެއަށް ދާނެއެވެ. އެހެންވީމާ އިންޑިޔާއަށް މުހިންމުވާނީ ހަނގުރާމައެއް ނުފެށި ސުލްހަ އޮތުމެވެ. އެހެންވިޔަސް ހަނގުރާމައިގެ ހާލަތުގައި ކޮންމެވެސް ކޮޅަކަށް އަރަން މަޖުބޫރުވާނެއެވެ. އެކޮޅަކަށް ވާނީ އެމެރިކާއެވެ. އޭގެ ސިއްރަކީ ވިޔަފާރީގެ މަސްލަހަތެވެ. ވިޔަފާރީގައި އިންޑިޔާއަށް މުހިންމީ އެމެރިކާއެވެ. ދެން މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރިންނެވެ. ޗައިނާދެކެ އިންޑިޔާ އަރާ ރުޅިއަކީވެސް އެމެރިކާ ކޮޅަށް އަރަން ފަސޭހަވާނެ ސަބަބެކެވެ. ޝައްކެއްވެސް ނެތި ޗައިނާ އޮންނާނީ އީރާނުގެ ފަޅީގައެވެ.

ގަލްފުގެ ގައުމުތަކުގައި އިންޑިޔާގެ ފަސް މިލިޔަނަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރެއެވެ. ގަލްފުގައި ހަނގުރާމައިގެ ހުޅުގަނޑު ފެތުރުނީމާ އެފަދަ މީހުންނަށް ވެދާނެ ގޮތަކާމެދުވެސް އިންޑިޔާއަށް ފިކުރުކުރަން މަޖުބޫރެވެ. މީގެ އަހަރުތަކެއް ކުރީން އިރާގު ސިފައިން ކުވޭތަށް އެރުމާ ވިދިގެން ކުވޭތުގައި ތިބި އިންޑިޔާގެ ދެލައްކައެއްހާ މީހުން ގައުމަށް ގެންނަން އިންޑިޔާއަށް ޖެހުނެވެ. މިއީ އިންޑިޔާގެ ތާރީޚުގައިވެސް ހިންގުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ. މިކަހަލަ ދެވަނަ ތަޖުރިބާއެއް ކުރަން ނުޖެހުމަކީ އިންޑިޔާ އެދޭނެ ގޮތެވެ. މަސައްކަތްވެސް ކުރާނެ ގޮތެވެ. އެކަމަކު ސުލްހައިގެ މަގު އިޚުތިޔާރު ކުރުމަށް އެމެެރިކާއަށްވެސް އަދި އީރާނަށްވެސް މަޖުބޫރެއް ނުކުރެވޭނެއެވެ. އެކަމުގައި އިންޑިޔާއަށްވެސް އޮންނާނީ ދެންވާނެ އެއްޗެއް ބަލަން އޮތުމެވެ.