އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާ ރައްޔިތަކަށްވެސް އަދި އެމެރިކާގެ މުދަލަކަށްވެސް އީރާނުން ހަމަލާދީފިނަމަ، އީރާނުގެ 52 އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.

އެމެރިކާގެ ރައީސްގެ މިއިންޒާރުތައް އައީ، ފުލުފުލުހުން ކުރެއްވި ޓްވީޓްތަކެއްގައެވެ. މި ޓްވީޓްތައް ކުރެއްވިއިރު ޓްރަމްޕް މިވަގުތު ހުންނެވީ ޗުއްޓީގައި ފްލޮރިޑާގައެވެ.

ޓްރަމްޕްގެ އަމުރުފުޅަށް، އިރާގުގައި ހުންނެވި އީރާނު ސިފައިންގެ ކޮމާންޑަރ ގާސިމް ސުލައިމާނީ އަވަހާރަކޮށްލި މައްސަލާގައި މަސްރަހް ހޫނުވެ ނުތަނަވަސް ވެފައިވާއިރު، މަސްރަހް ފިނިކުރުމަށް ޓްރަމްޕް އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަން ޓްވީޓްތަކުން ހާމަވެފައި ވެއެވެ.

ޓްރަމްޕް ވިދާޅުވީ، ސުލައިމާނީއަށް ދިން ހަމަލާގެ ބަދަލު ހިފުމުގެގޮތުން އެމެރިކާގެ ބައެއް ތަންތަނަށް ހަމަލާ ދޭނޭކަމަށް އީރާނުގެ ވެރިން އިންޒާރުކުރަމުންދާ ކަމަށާއި، އީރާނުން އެފަދައިން ހަމަލާ ދީފިނަމަ އެމެރިކާއިން ހަމަލާދޭނެ އީރާނުގެ 52 އަމާޒެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ތަންތަނަކީ އީރާނަށް ވަރަށް މުހިންމު ތަންތަން ކަމަށާއި، އޭގެ ތެރޭގައި އީރާނުގެ ޘަގާފީ ތަރިކައިގެގޮތުގައި ހިމެނޭ މުހިންމު ތަންތަންވެސް ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އެ ތަންތަނަށް އެމެރިކާއިން ދޭނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ކަމަށްވެސް ޓްރަމްޕްގެ ޓްވީޓްތަކުގައި އިންޒާރު ކުރައްވާފައި ވެއެވެ. އަދި އީރާނުން އެމެރިކާ ރައްޔިތަކަށް އަދި ތަނަކަށް ހަމަލާ ދީފިނަމަ އީރާނަށް ވަރަށް އަވަސްމަގުން ހަމަލާ ދެއްވާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކުރައްވާފައި ވެއެވެ.

އެމެރިކާއިން އީރާނަށްދޭ ހަމަލާތައް ވެގެންދާނީ އީރާނު މިހާތަނަށް ތަޖުރިބާ ކޮށްފައި ނުވާފަދަ ވަރުގަދަ ހަމަލާތަކަކަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އީރާނުގެ ތެރެއިން ހަމަލާދޭނޭ ކަމަށް ޓްރަމްޕް ވިދާޅުވި 52 އަމާޒު ރަމްޒުކޮށްދެނީ، 1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބުގެ ތެރޭގައި އީރާނުގެ ކިޔަވާކުދިންތަކެއް ތެހެރާނުގައި ހުރި އެމެރިކާ އެމްބަސީ ހިސާރުކޮށް، އެތަނުން ރަހީނުކުރެވުނު އެމެރިކާގެ 52 މީހުންނެވެ. އެމެރިކާއާއި އީރާނުގެ ގުޅުން ކެނޑިގެންދިޔައީ އެހާދިސާގެ ފަހުންނެވެ.

އީރާނުގެ 52 އަމާޒަކަށް ހަމަލާ ދެއްވާނެ ކަމަށް ޓްރަމްޕް ކުރެއްވި އިންޒާރާ ގުޅިގެން އެ ތަންތަނަކީ ކޮބައިތޯ، މީޑިއާއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން އެއަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ޓްރަމްޕަށް ރައްދު ދެއްވައި، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ގައުމީ ސަލާމަތާބެހޭ އޮފިޝަލެއް ކަމަށްވާ ކޮލިން ކާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމެއްގެ ޘަގާފީ ތަރިކައިގެ ތަނަކަށް އެއްވެސް ހާލަތެއްގައި ހަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. ޓްރަމްޕަށް އެކަން އާދައިގެ ކަމަކަށްވިޔަސް، ދުނިޔޭގެ ގާނޫނު އެކަމަށް ތަން ނުދޭކަމަށްވެސް ވިދާޅުވިއެވެ.

އީރާނު މައްސަލާގައި ޓްރަމްޕް ކަންތައް ކުރައްވާގޮތުން އެމެރިކާ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ރިޕަބްލިކަން މެމްބަރުން ގެންދަވަނީ ޓްރަމްޕަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ.

ހައުސް އޮފް ރެޕްސްގެ ރައީސާ ނޭންސީ ޕެލޯސީ ވިދާޅުވީ، ޓްރަމްޕްގެ އެއްވެ ހަމައެއް ލަމައެއްނެތް ސިޔާސަތުގެ ސަބަބުން އެމެރިކާ ސިފައިންނާއި، އެމެރިކާގެ ޑިޕްލޮމޭޓުންނާއި، އެމެރިކާ ރައްޔިތުންގެ އިތުރުން، އެމެރިކާގެ ބައިވެރިންވެސް ނުރައްކަލަށް ހުރަހޮޅެމުންދާ ކަމަށެވެ.

އަނެއްކޮޅުން، އީރާނު ސިފައިންގެ ކޮމާންޑަރު އަވަހާރަކޮށްލަން ދިން ހަމަލާ ކުށްވެރިކޮށް އެމެރިކާގެ ވެރިރަށް ވޮޝިންޓަނާއި، އެމެރިކާގެ އެހެން ރަށްތަކުގެ މަގުތަކަށް އާންމުން މިއަދު ނުކުމެ ޓްރަމްޕާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ވަނީ ފަށާފައެވެ.