އެމެރިކާ ސިފައިން ހުކުރު ދުވަހުގެރޭ ހަމަލާދީ އަވަހާރަކޮށްލި އީރާނު ސިފައިންގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމުގެ ކަންތައްތައް އީރާނުގައި ފެށިއްޖެއެވެ.

ސުލައިމާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމުގެ ކަންތައްތައް އެންމެ ފުރަތަމަ ފެށުނީ އީރާނުގެ ދެކުނުހުޅަނގު ސިޓީއެއް ކަމަށްވާ އަހްވާޒްގައެވެ.

އަވަށްޓެރި އިރާގުން ޖެނެރަލް ސުލައިމާނީގެ ހަށިކޮޅު އަހްވާޒަށް ގެނެވުނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް އީރާނުގެ އިސްނާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

ސުލައިމާނީގެ ހަށިކޮޅު އަހްވާޒަށް ގެންނަން ތައްޔާރުވަމުންދިޔައިރު، އީރާނުގެ އެތައްހާސް ބަޔަކު ގެންދިޔައީ އަހްވާޒްގެ މައުލަވީ ސްކޮޔަރއަށް ޖަމާވަމުންނެވެ.

މީހުން އެއްވަމުންދިޔަ މަންޒަރުތައް އީރާނުގެ ގައުމީ ޓީވީން ވަގުތުން ދުރަށް ދައްކަން ފަށާފައިވާއިރު، މައިދާނަށް އެއްވަމުންދިޔަ މީހުން ތިބީ ފެއްސާއި ރަތާއި ހުދުކުލައިގެ ހިފައިގެންނެވެ. އެއީ، ޝަހީދުންގެ ލޭ ރަމްޒުކޮށްދިނުމުގެ ގޮތުން އީރާނުގައި ބޭނުންކުރާ ދިދައެކެވެ.

މައުލަވީ ސްކޮޔަރއަށް އެއްވި މީހުން ތިބީ އެމެރިކާއިން އަވަހާރަކޮށްލި ސިފައިންގެ ކޮމާންޑަރ ޖެނެރަލް ގާސިމް ސުލައިމާނުގެ ބޮޑެތި ފޮޓޯތައްވެސް ހިފައިގެންނެވެ. ޖެނެރަލް ސުލައިމާނީއަކީ 1980-1988 އަށް ކުރެވުނު އީރާނު-އިރާގު ހަނގުރާމައިގެ ދުވަސްވަރުގެ ބަތަލެއްގެ ގޮތުގައި ފޮޓޯތަކުން ދައްކުވައިދީފައި ވެއެވެ. އަދި ގުދުސް ފޯސްގެ ކޮމާންޑަރުގެ ގޮތުން މެދުއިރުމަތީގައި އީރާނުގެ ސިޔާސަތުތައް ގާއިމްކުރައްވައި ދެމެހެއްޓެވި ބޭފުޅެއްގެ ގޮތުގައިވެސް ފޮޓޯތަކުން ދައްކުވައި ދީފައި ވެއެވެ.

މައިދާނަށް އެއްވެފައިވާ އަންހެނުންނައި ފިރިހެނުންވެސް ކަރުނައަޅައި ރޮމުންދާ މަންޒަރުތައް ޓީވީން ދުރަށް ދައްކަމުން ގެންދެއެވެ.

ސުލައިމާނީގެ ހަށިކޮޅު މިއަދުގެ ހަވީރުގެ ވަގުތެއްގައި ވެރިރަށް ތެހެރާނަށް ގެންދެވޭނޭ ކަމަށް މީޑިއާއިން ބުނެއެވެ.

ސުލައިމާނީގެ މައްޗަށް ކަށުނަމާދު ކުރެވޭނީ ތެހެރާން ޔުނިވަރސިޓީގައި މާދަމާ ކަމަށާއި، ކަށުނަމާދު އިމާމުވެ ކޮށްދެއްވާނީ އީރާނުގެ ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ކަމަށް ޚަބަރު ލިބެއެވެ. އަދި އާޒާދީ މައިދާނުގައާއި، ގޯމްގައި ބާއްވާ އިހްތިރާމް އަދާކުރުމުގެ ކަންކަމަށްފަހު ޖެނެރަލް ސުލައިމާނީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު، އޭނާ އުފަންވެވަޑައި ގެންނެވި ކަރްމާންގައި ކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ.

ޖެނެރަލް ސުލައިމާނީގެ އިތުރުން، އެމެރިކާ ސިފައިން ދިން ހަމަލާގައި މަރުވި އީރާނު ސިފައިންގެ އެހެން މީހުންނަށް އެންމެފަހުގެ އިހްތިރާމް އަދާކުރުންވެސް މިއަދުވަނީ ފެށިފައެވެ.