މާލެ މޭޔަރުގެ މަޤާމަށް ކުރިމަތިލުމަށް އެމްޑީޕީގެ ސެކެރަޓަރީ ޖެނަރަލް އަނަސް ޢަބްދުއްސައްތާރު ނިންމައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އޭނާ އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި މާލެސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާ އަނަސް ވިދާޅުވީ މި މަޤާމަށް ކުރިމަތިލަނީ މާލެއަށް ހުރި ގޮތުންޖެހުންތައް ހައްލުކޮށް މާލެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި ހިތްފަސޭހަތަނަކަށް މާލެސިޓީ ހެދުމަށްކަމަށެވެ.

މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭ ރައްޔިތުންނާއި ރަށްވެހީންނަށް ހިންދެމިލާ އުޅެވޭނެ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މި ސިޓީ ހެދުމަށް، މާލެ ސިޓީގެ މޭޔަރުގެ މަސްއޫލިއްޔަތު އުފުލާ ހިދުމަތް ކޮށްދިނުމަށް ނިންމައިފިން،"
އަނަސް އަބްދުއްސައްތާރު

މިމަޤާމަށް ވާދަކުރެއްވުމަށް ނިންމުމާއިއެކު މިއަދުން ފެށިގެން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތުން މިވަގުތަށް ދުރަށް ޖެހިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފަ އެވެ.

މާލޭގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެކަމަށް މިހާތަނަށް އިޢުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އަނަސްގެ އިތުރުން ދެން ހިމެނެނީ މިހާރުގެވެސް މާލޭގެ މޭޔަރުގެ މަޤާމް ފުރުއްވަމުންދާ ސިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފާއި، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހްމަދު ނިޔާޒެވެ.

އެމްޑިޕީގެ އެތެރޭގެ ޕްރައިމަރީ މިމަހުގެ 31 ގައި ބާއްވާނެކަން އެޕާޓީން ވަނީ އިއުލާން ކޮށްފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 މެމްބަރުން އިންތިހާބުކުރާނެ އެވެ.