އީރާނުގެ ގުމް ސަހަރުގައި ހުންނަ ޖަމްކަރާން މިސްކިތުގައި އިރާނުން މިއަދު ވަނީ ރަތްދިދަ ނަގައިފައެވެ. އެދިދައިގައި ލިޔެފައިވެއެވެ. ހުސައިނުގެފާނުގެ ލޭފޮދުގެ ބަދަލު ހިފުމުގެ ވަގުތު އައީއެވެ.

ގުމްގެ މަސްޖިދު ޖަމްކަރާންގައި ރަތްދިދަ ނެގުމުގެ މާނަޔަކީ ކޮބައިބާވައެވެ. ހުސައިނުގެފާނުގެ ލޭފޮދުގެ ބަދަލޭ ލިޔެފައި އޮތީ ކީއްވެގެން ބާވައެވެ. ޖަމްކަރާނަކީ ކިހާ މުހިއްމު މިސްކިތެއް ބާވައެވެ. ގުމްއަކީ ކިހާ މުހިއްމު ސަހަރެއް ބާވައެވެ.

ރަތްދިދަ ނެގުމުގެ މާނަޔަކީ އަންނާންއޮތް ހަގުރާމައިގެ ބިރުވެރިކަން އެންގުމެވެ. މުގައްދަސް ހަގުރާމައެއް ފެށެނީކަން އިއުލާންކުރުމެވެ.

ގުމްއަކީ އީރާނުގައިވާ ޝީއީންގެ އެންމެ މުގައްދަސް ސަހަރެވެ. އެސަހަރު އޮންނަނީ އީރާނުގެ އުތުރު ބިތުގައެވެ. މަސްޖިދު ޖަމްކަރާންއަކީ ގުމްގައިވާ ޝީއީންގެ އެންމެ މުގައްދަސް މިސްކިތެވެ. އެމިސްކިތް އެހާ މުހިންމުވާ ސަބަބަކީ ޝީއީންގެ ބާރަވަނަ އިމާމު މަހުދީގެފާނާއި އެ މިސްކިތް ގުޅިފައިވުމެވެ. ޝީއީން ގަބޫލުކުރާގޮތުގައި އިމާމު މަހުދީ އެމިސްކިތަށް ވަޑައިގެން އެތާގައި ނަމާދު ކުރެއްވިއެވެ. އިމާމު މަހުދީ އަލުން ދުނިޔެއަށް ފާޅުކުރައްވާނެއެވެ. ހުރިހާ މުންކަރާތްތަކެއް މަނާކުރައްވައި ދުނިޔެއަށް އަމާންކަމާއި ސުލްހަ މަސަލަސްކަން ގެންނަވާނީ އިމާމު މަހުދީއެވެ.

އީރާނުގެ ދިގުވެގެންވާ ތާރީޚުގައި މިނޫނީ ދުވަހަކުވެސް ޖަމްކަރާން މިސްކިތުގައި އަދި އެނޫން މިސްކިތެއްގައިވެސް ރަތްދިދައެއް ނުނަގައެވެ. އީރާނުން އިރާގާ ދެކޮޅަށް ހަނގުރާމަކުރިއިރަކުވެސް ނުނަގައެވެ. އެހެން ހަގުރާމައެއްގައިވެސް ނުނަގައެވެ. ފުރަތަމަ ފަހަރަށް މިދިދަ ނެގުމުން މީސްތަކުންނަށް ބިރުވެރިކަމާއި ސިހުން ވަނީ ލިބިފައެވެ. ކޮންމެވެސް ކޮޅެއްގައި ޖެހެންދެން ހަގުރާމަ ފެށުނީކަން އީރާނުން އިއުލާން ކުރީ ކަމަށް ބަލައިގެން ދުނިޔެއަށްވެސް ވަނީ ސިހުން ލިބިފައެވެ.

ހުސައިނުގެފާނުގެ ލޭފޮދުގެ ބަދަލު ހިފުމުގެ ވާހަކަ ރަތްދިދައިގައި ލިޔުމުން މިއީ ޝީއީންގެ މުގައްދަސް ހަނގުރާމައެއް ކަމުގެ މެސެޖުވެސް ދެވުނީއެވެ. ހުސައިނުގެފާނަކީ ރަސޫލާގެ މާފަދަރިކަލުންނެވެ. ޝަހީދުކޮށްލެވުނީ އިރާގުގެ ކަރުބަލާގައި އުމަވީ ޚަލީފާ ޔަޒީދު ބިން މުއާވިޔަތުގެ އަމުރަށެވެ.

މި އިންޒާރު ނިސްބަތްވަނީ ސައޫދީ އަރަބިޔާއަށެވެ. މެދުއިރުމަތިން އީރާނުގެ ޝީއީ ނުފޫޒު ފޮހެލައި ސުންނީ ނުފޫޒު ގަދަކުރުމުގެ މަސައްކަތަކީ ސައުދީ އަރަބިޔާއިން ކުރާ މަސައްކަތެކެވެ. މިއަދު އިރާގާއި ސީރިޔާ އަދި ޔަމަނުގައި ކުރިއަށްދާ ހަނގުރާމަތަކަކީ ނުސީދާކޮށް އީރާނާއި ސައުދީ އަރަބިޔާއާ ދެމެދު ކުރެވޭ ހަނގުރާމަތަކެކެވެ. ފިލައި ތިބެގެން ސިއްރިޔާތުގައި ހަމަލަނުދީ ފާޅުގައި ނިކުމެ ހަނގުރާމަ ފަށަނީކަން އެންގުމަކީ ދިދައިގައި ލިޔެފައިވާ ލިޔުމުގެ މަގްސަދެވެ.