މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 62 އިންސައްތަ މައްސަލަތައް ނިންމާފައި ވަނީ ޝަރީތް ހިންގުމެއް ނެތި ކޯޓުން ބޭރުން، ޑިސްޕިއުޓް ރިޒޮލިއުޝަންއިންކަން އެ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ސިވިލް ކޯޓުން އާންމު ކުރި އެކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކޯޓަށް ހުށަހަޅާފައި ވަނީ ޖުމްލަ 4،700 މައްސަލައެ ކެވެ. އޭގެ ތެރެއިން 3081 މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން އަށް ހުށަހެޅުނު އިރު 2،253 މައްސަލަ ވަނީ ކޯޓުން ބޭރުން ހައްލުވެފަ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 62.58 އިންސައްތަ މައްސަލަ އެވެ.

ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި ނިންމަން ކޯޓުގައި ހުރީ ޖުމްލަ 6،481 މައްސަލަ އެވެ. އެއީ މިދިޔަ އަހަރު ކޯޓަށް ހުށަހަޅާފައިވާ 4،700 މައްސަލާގެ އިތުރަށް 2018 ވަނަ އަހަރު ނިމުނު އިރު ކޯޓުން ނުނިމު ހުރި 1781 މައްސަލަ އެވެ. މީގެ ތެރެއިން 4،907 މައްސަލަ ކޯޓުން ނިންމާފައިވާއިރު، އަހަރު ނިމުނު އިރު ކޯޓުގައި ނުނިމި އަހަރެއްވެފައި ވަނީ 6 މައްސަލައަކަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މިދިޔަ އަހަރު 251 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި 2018 ވަނަ އަހަރު ނުނިމި އޮތް 70 މައްސަލައާއި އެކު ޖުމްލަ 244 މައްސަލަ މިދިޔަ އަހަރު ވަނީ ނިންމާފަ އެވެ. ނުނިމި ބާކީ އޮތީ 77 މައްސަލަ އެވެ.

މިދިޔަ އަހަރު އެކި މައްސަލަތަކުގައި 612 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ސާބިތުވިއެވެ. އަދި 117 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި އެ ކޯޓުން ބަލައިގެންފައިވެ އެވެ.

ސިވިލް ކޯޓުން ބުނީ އެ ކޯޓުގެ އަމާޒަކީ މިއަހަރު ނިމޭއިރު ކޯޓުގައި ނުނިމި އަހަރެއް ހަމަވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުން ކަމަށެވެ. އަދި ހުށަހަޅާ އަދަދާ އެއްވަރަށް މައްސަލަތައް ނިންމުމަކީ ވެސް މިއަހަރުގެ އަމާޒެއް ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.