އެމެރިކާއިން އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮަށްލުމުން ވޭންދެނިވި ގޮތަކަށް ބަދަލުހިފާނޭކަމަށް އީރާނުން ވަނީ ބުނެފައެވެ. މިހާތަނަށް ދުވަހަކުވެސް ނަގާފައި ނުވާ ހަގުރާމައިގެ ބޮޑު ރަތްދިދަ ނަގައިފިއެވެ. ދުނިޔެ އޮތީ އީރާނުން އަޅާ ފިޔަވަޅެއް ދެނެގަތުމުގެ އިންތިޒާރުގައެވެ. ތަޖުރިބާކާރުން އެއްބަސްވާގޮތުގައި ރައީސް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރުން ވަރަށް ބޮޑު ގޯހެއް ހައްދަވައިފިއެވެ. އީރާނު ދަސްނުކޮށް ނުރައްކާތެރި ކަމެއް ކޮށްފިއެވެ. ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލީމާ ހިތްވަރު އެލި ދޫދީފާނެކަމަށް ހީކޮަށްފިއެވެ.

އީރާނުން ބަދަލު ހިފާނީ އީރާން ބޭނުންވާ ވަގުތަކާއި ތަނެއްގައެވެ. މިކަން އައުންގާތީ އެންމެ ދިމާލަކުން ނޫނެވެ. އެއްފަހަރާ އެތައް ދިމާލަކުންނެވެ. އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑުވެސް ވިދާޅުވިފަދައިން ހުޅުވިފައިވާ ހަގުރާމައެއްގައި އީރާނުގެ އަމާޒުފަތްގަޑަކަށް ވެދާނެ އެމެރިކާގެ ކިތަންމެ މަރުކަޒެއް އީރާނުގެ އަރްފޯރާ ފަށުގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއްތަނަކީ އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ ފަސްވަނަ ފުލީޓުގެ ހެޑްކުއާޓަރެވެ. މިތަން ހުންނަނީ ބަހުރޭނުގައެވެ. އެއީ ގޮނޑުދޮށުގައި ތިބެގެން ގާ އުކިޔަސް ފޯރާ ހިސާބެވެ. އެމެރިކާގެ އަމާޒަކަށް މިހާ ފާޅުކަންބޮޑުކޮށް ސީދާ ހަމަލައެއް ދިނުމަކީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އީރާނުން ކުރާނޭ ކަމެއް ނޫނެވެ.

ބޮޑަށް ގާތީ އީރާނުގެ މަދަދު ލިބޭ އެކި ޖަމާއަތްތައް މެދުވެރިކޮށް ހަރަކާތްތަކެއް ހިންގުމެވެ. ގަލްފުގައިވާ އެމެރިކާގެ އެންމެ މުހިންމު ދެ ބައިވެރިންނަކީ ސައުދީ އަރަބިޔާ އާއި އެމިރޭޓްސްއެވެ. އެތަންތަނުގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް ވަރަށް ފަސޭހައިން ހަމަލަދީ ފުނޑައިލެވިދާނެއެވެ. އީރާން ބޭނުން ކޮންމެ ވަގުތެއްގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް ގަލްފުގެ ތެރެއިން ދުނިޔޭގެ ބާޒާރަށް ނެރޭ ތެޔޮ ހުއްޓުވިދާނެއެވެ. އޭރުން އިސާހިތަކު ދުނިޔެ ތެލަށް ޖެހޭނެއެވެ. އިޒްރޭލަށް ހަމަލާދީނުމަކީވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ލުބުނާނާއި ސީރިޔާގައި އީރާނުން މަދަދުކުރާ ޖަމާއަތްތައް ގިނަގުނައެވެ. އެމީހުންގެ އަތުގައި އިޒްރޭލުގެ ކޮންމެ ސަހަރަކަށްވެސް ފޮނުވާލެވޭވަރުގެ މިސައިލާއި ރޮކެޓް އެބަހުއްޓެވެ. އީރާނުން ކުރަންޖެހޭނެހާވެސް ކަމަކީ ހުއްދަ ދިނުމެވެ. އިޒްރޭލަށް ހަމަލައެއް އަމާޒުކުރާނަމަ އެކަން ކުރާނީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުންނެވެ. އެއީ އިޒްރޭލުވެސް ޖެހިލުންވާ ޖަމާއަތެކެވެ.

އިރާގަކީވެސް އީރާނު ބޭނުންވެއްޖެނަމަ ހަގުރާމައިގެ މައިދާނަކަށް ހެދިދާނެ ތަނެކެވެ. ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ބައުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ދެވުނު ހަމަލަޔާއި އެމެރިކާ ސިފައިންގެ މަރުކަޒަކަށް ދެވުނު ހަމަލަޔަކީ މިކަމުގެ ހެއްކެކެވެ. ޑްރޯން ބޭނުންކޮށްގެން އެކި އަމާޒުތަކަށް ހަމަލާދިނުމާއި ބޮންގޮއްވުމުގެ އެތަކެއް ހަމަލާވެސް އެކި ޖަމާއަތްތައް މެދުވެރިކޮށް މުޅި މެދުއިރުމަތީގައި އެއްވަގުތެއްގައިވެސް ދެވިދާނެއެވެ. ސައުދީ އަރަބިޔާއަކީ ފަސޭހައިން ސިހޭ ގައުމެކެވެ. އެހެންވީމާ އީރާނުން ހަމަލާއެއް އެބައާދެޔޭ ހީވަންޏާ އިސްވެ އީރާނަށް ހަމަލައެއް ދިނުމަކީ ސައޫދީންވެސް ކޮށްފާނެ ކަމެކެވެ. އެކަހަލަ ކަމެއްވެއްޖެނަމަ ދެން އެއްވެސް ބަޔަކަށް ފަސްއެނބުރި ބަލައިލާން ފުރުސަތެެއް ނުލިބޭނެއެވެ.

އީރާނަށް ޑިޕްލޮމެޓިކް މައިދާނުގައިވެސް ކުރެވިދާނެ ކަންތައް ގިނަގުނައެވެ. އިރާގުގެ ސަރުކާރަށް މަޖުބޫރުކޮށްގެން އެމެރިކާ ސިފައިން ބާލަން ޕްރެޝަރު އިތުރު ކުރެވިދާނެއެވެ. ރަޝިޔާއާއި ޗައިނާ އަދި ތުރުކީގެ އެހީގައި ބައިނަލްއަގުވާމީ ކެމްޕޭނެއްވެސް ހިންގިދާނެއެވެ. އެމެރިކާގެ އަމަލަކީ ދުނިޔޭގެ ހުރިހާ ގާނޫނުތަކެއް މުގުރައިލުމުގެ ޓެރަރިޒަމެވެ. އެހެންވީމާ އދ ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ގެންދެވިދާނެއެވެ. ބައިނަލްއަގުވާމީ ކޯޓަށްވެސް މައްސަލަ ހުށައެޅިދާނެއެވެ. އެކަމަކު އީރާނުގެ ރަތްދިދަޔާއި ބަސްމަގަށް ވިސްނާއިރު ޑިޕްލޮމަސީއާއި ގާނޫނީ ވިޔުގައިގެ ތެރެއިން ބަދަލެއް ބޭނުންވެގެން އެކަމުގެ އިންތިޒާރުގައި ތިބޭނޭކަމަށް ލަފައެއް ނުކުރެވެއެވެ.