ޖުމްހޫރީ ޕާރޓީން ރާއްޖޭގެ ހުރިހާ ރަށަކާއި އަތޮޅުތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގައި ވާދަކުރުމަށް ނިންމައިފި އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ޖުމްހޫރީ ޕާރޓީގެ 137 ވަނަ ކައުންސިލް ބައްދަލުވުމުމުން ނިންމައިފައި ވަނީ ޖެނުއަރީ މަހުގެ 6 ވާ ހޯމަ ދުވަހުން ފެށިގެން، އެކަމަށް ކުރިމަތިލާ ފަރާތްތަކުން ފޯރމު ހުށަހެޅުމަށް ހުޅުވައިލުމަށެވެ. އަދި އެ ޕާރޓީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ރަށުގައި ތިއްބަވައިގެން އިންޓަރނެޓް މެދުވެރިކޮށް ވެސް ފޯރމު ފުރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް އެޕާޓިން ބުނެ އެވެ.

ޕާރޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޤާސިމް އިބްރާހީމް ވެސް ބަކައުންސިލް ބައްދަލުވުމުގައި މެންބަރުން ވަނީ، ކައުންސިލް މެމްބަރުންގެ ޚިޔާލު ހުށަހަޅުއްވާފަ އެވެ. އަދި މެމްބަރުންގެ ހުށަހެޅުންތަކާއި ރައްޔިތުންގެ ޚިޔާލާއި އެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރައްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް އެ ފުރުޞަތު ދިނުމަށް އެޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ.

ޖޭޕީ ކައުންސިލް މެމްބަރުން

ޖޭޕީގެ ސެކެތޓްރީ ޖެނެރަލް ޢަލީ ޢާރިފް އިތުރަށް ވިދާޅުވީ އަލަށް ތަޞްދީޤުކުރެވުނު ލާމަރުކަޒީ ޤާނޫނުތަކުގެ ދަށުން ކައުންސިލްތަކުން ކުރާ މަސައްކަތްކަށް ވަރަށް ފަހި ވަސީލަތްތަކެއް ލިބިދީފައިވާ ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޤާނޫނުތަކުން އިތުރު ފުޅާމަގުތަކެއް ދީފައިވާއިރު އެއީ ރަށްރަށާއި ސިޓީތަކާއި އަތޮޅުތަކުގެ ރައްޔިތުންނަށް ކުރިއެރުން ހޯދައި ދިނުމަށް ލިބިފައިވާ ފުރުޞަތުތަކެއް ކަމަށްވެސް އާރިފު ވިދާޅުވި އެވެ.

ޖޭޕީ ކައުންސިލް މެމްބަރުން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޕާރޓީތަކުން ތައްޔަރުވަމުންދާއިރު އަންހެނުންނަށް 33 އިންސައްތަ ގޮނޑީގެ ޙައްޤު ޤާނޫނީ ގޮތުން މިހާރުވަނީ ދީފައެވެ.

ޖޭޕީ ރަތްފިޔަ

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު، މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށްވާންޖެހޭ ތައްޔާރީތަކުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ނުބާއްވޭވަރުގެ ބޮޑު އިންތިޚާބަކަށް މި އިންތިހާބު ވެގެންދާތީ އިލެކްޝަންސް ކޮމިޝަނަށް ވެސް މިއީ އައު އެތައް ތަޖުރިބާއެއް ކުރަންޖެހޭނެ އިންތިޚާބަކަށް ވާނެ އެވެ. އިލެކްޝަނުން މިހާރު ދަނީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.