ސީރިޔާގެ ދިމިޝްގުން އިރާގުގެ ބައުދާދަށް ދަތުރުކުރި ޝާމް ވިންގްސް އެއަރލައިނުގެ މަތިންދާބޯޓުން ފައިބާވަޑައިގަތުމާއެކު ޖެނެރަލް ގާސިމް ސުލައިމާނީއަށް މަރުހަބާ ދެންނެވީ އަބޫހުދީ އަލްމުހަންދިސްއެވެ. އެއީ އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ހަޝްދު އައްޝާބީ ޖަމާއަތުގެ ވެރިޔާއެވެ. އަލްމުހަންދިސްއާއެކު އިތުރު ތިން މީހަކުވެސް ތިއްބެވެ. ޓާރމިނަލުގެ ބޭރުގައި ދެ އުޅަނދު ތައްޔާރަށް އޮތެވެ. ހަމަޖެހިފައި އޮތީ ބައުދާދުގައި ހުންނަ އަލްމުހަންދިސްގެ ގެޔަށް ސުލައިމާނީ ވަޑައިގަތުމަށެވެ. ބައުދާދަށް ވަޑައިގެންފީވިއްޔާ އާއްމުގޮތެއްގައި ހުންނަވަނީ އެގޭގައެވެ. އެކަމަކު މިފަހަރު ކޮންމެވެސް ގޯހެެއް އެބައުޅެއެވެ. އެމެރިކާގެ ޑްރޯނެއް ދާދިގާތުން ޖައްވުގައި އޮތެވެ. ހިނދުކޮޅެއްގެ ތެރޭގައި ޖެނެރަލް ސުލައިމާނީއާއި އަލްމުހަންދިސް އަވަހާރަކޮށްލައިފިއެވެ.

ޖެނެރަލް ސުލައިމާނީއަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ވަރަށް ސިއްރިޔާތުގައި ދަތުރުކުރައްވާ ބޭފުޅެކެވެ. ވަޑައިގަންނަވާ ތަނަކާއި ވަގުތަކާއި ދުވަސް އެނގެނީ އެކަމެއްގައި ޝާމިލްވާ ބަޔަކަށް އެންމެ ގަޑިއެއްހައި އިރު ކުރިންނެވެ. ދަތުރުކުރައްވަނީ ވީއައިޕީ ޖެޓަކުން ނޫނެވެ. ބޭނުންކުރައްވަނީ ޝެޑިއުލް އެއަރލައިންތަކެވެ. ދިދަޖެހި ކާރެއް ބޮޑީގާޑެއް ނުހުރެއެވެ. ބޭނުންކުރައްވަނީ އާދައިގެ އުޅަނދުތަކެވެ. ސުމާރޓް ފޯނެއް ބޭނުން ނުކުރައްވައެވެ. ގެންގުޅުއްވަނީ އޮފިޝަލް ޕާސްޕޯޓުތަކެވެ. އެކަމަކު ތަފާތު ނަންނަމުގައެވެ. ޖެނެރަލް ސުލައިމާނީ ތާކަށް ވަޑައިގަތަސް އަދި ފެނުނަސް އެއީ ކާކުކަމެއް ނޭނގެއެވެ. ބައުދާދާއި ދިމިޝްގުގެ އެއަރޕޯޓަކީ ޖެނެރަލް ސުލައިމާނީ މަހަކު އެއްފަހަރު ދެފަހަރު ވަޑައިގަންނަވާ ތަންތަނެވެ. އެތަންތަނުގައި އެމެރިކާގެ ޖާސޫސުން ބައިވަރެވެ. މިހުރިހާ ދުވަހު އެއިން މީހަކަށް ހިލަމެއް ނުވެއެވެ. އެކަމަކު މިފަހަރު ހިލަންވެއްޖެއެވެ. ދެން ކުރާންވީ ކަންކަމަށް އެމެރިކާ ތައްޔާރުވެސް ވެއްޖެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުން ފުރާވަޑައިގެން ޝެޑިއުލް މަތިންދާބޯޓެއްގައި މިދިޔަ ބުރާސްފަތި ދުވަހު ޖެނެރަލް ސުލައިމާނީ އެންމެ ފުރަތަމަ ވަޑައިގެންނެވީ ސީރިޔާގެ ވެރިރަށް ދިމިޝްގަށެވެ. އެތަނަށް އޭނާ ވަޑައިގެންނެވިކަން ކޮންމެވެސް ގޮތަކުން އެމެރިކާގެ ޖާސޫސުންނަށް މޭރުން ވެއްޖެއެވެ. އެހިސާބުން އޮތީ ފާރަލުން ފެށިފައެވެ. ދިމިޝްގުގެ އެއަރޕޯޓުން މިސްރާބު ޖެއްސެވީ އެއްގަމު މަގުން ލުބުނާނުގެ ބެއިރޫތަށެވެ. އެތަނަށް ވަޑައިގެން ބައްދަލުކުރެއްވީ ހިޒްބު ﷲ ޖަމާއަތުގެ ވެރިޔާ ޝައިޚު ހަސަން ނަސްރު ﷲ އާއެވެ. ބައްދަލުވުން ދެތިން ގަޑިއިރަށް ދެމިގެންދިޔައެވެ. ބައްދަލުވުން ނިމުމާއެކު ބޭރޫތުގައި މަޑުކުރައްވާކަށް ނުހައްދަވައެވެ. ކާރުގައި އަނެއްކާވެސް ވަޑައިގަތީ ދިމިޝްގުގެ އެއަރޕޯޓަށެވެ. ޝާމް ވިންގްސް އެއަރލައިނުގެ މަތިންދާބޯޓު ބައުދާދަށް ފުރަން ހަމަޖެހިފައި އޮތީ އެރޭ ނުވައެއް ޖަހާއިރުއެވެ. ފުލް ފުލައިޓެކެވެ. އެކަމަކު ކޮންމެވެސް ސަބަބަކާހެދި ފުލައިޓަށް ނައްޓާލެވުނީ ދެގަޑިއިރުގެ ޑިލޭއަކަށްފަހުއެވެ.

މަތިންދާބޯޓު ނައްޓާލުމުގެ ހަމައިރުކޮޅެއް ކުރިން ދޮޅުގަޑިއިރު ތެރޭގައި ޖެނެރަލް ސުލައިމާނީ އެބަވަޑައިގަންނަވާކަމުގެ އިޝާރާތެއް އަލްމުހަންދިސަށް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން މަރުހަބާ ދެންނެވުމަށްޓަކައި ހަމަ ކިރިޔާ ބައުދާދުގެ އެއަރޕޯޓަށް ވަޑައިގެންނެވުނީއެވެ. ދިމިޝްގުން ބައުދާދަށް ކުރާ ދަތުރުގެ ދިގުމިނަކީ ގާތްގަޑަކަށް ދޮޅުގަޑިއިރެވެ. ޖެނެރަލް ސުލައިމާނީއަށް ވަޑައިގެންނެވުނީ ދަންވަރު އެކެއްގެ ތެރޭގައެވެ. ޓާރމިނަލުން ނުކުމެވަޑައިގެން ދަތުރު ފައްޓަވައިގެން މާދުރަށް ވަޑައިނުގެންނެވެނީސް ޑްރޯން ހަމަލާ އަމާޒުވެއްޖެއެވެ. އެންމެ ފުރަތަމަ މިސައިލް އެރީ ހިޔުންޑައި އުޅަނދަށެވެ. އެ އުޅަނދު ގޮވުމާއެކު ޓޮޔޯޓާ އުޅަނދު ދުމެއް ޖަހާފައި ކުރިއަރައިގެންދާން އުޅުނެވެ. އެޔަށް އަމާޒުކުރި ފުރަތަމަ މިސައިލް ލައްވާލާގޮތެއް ނުވިއެވެ. އެ އުޅަނދުގެ ކަންތައް ނިމުނީ ދެވަނަ މިސައިލެއްވެސް ފޮނުވައިގެންނެވެ. ގޮވައިގެންދިޔަ ދެ އުޅަނދުގައި ތިބީ ކޮންބައެއްކަން ދެނެގަނެވޭ ވަރަށްވުރެ ބޮޑަށް މީހުން ވަނީ އަނދައިފައެވެ. އެކަމަކު ގިނަ އިރުތަކެއް ނުވެ ސުލައިމާނީ ބޭނުންކުރައްވާ އަނގޮޓި އަކުން އޭނާ ދެނެގަނެވިއްޖެއެވެ.

ޖެނެރަލް ސުލައިމާނީގެ ގާފިލާގެ ފަހަތުން އެހެން ދެ ކާރެއްވެސް ކުރިއަރައިގެން ދިޔަކަމަށްވެއެވެ. ޝައްކު ކުރެވެނީ ފާރަލީ މީހުން ކަމަށެވެ. ޑްރޯންގެ ފުރަތަމަ ހަމަލަ އަމާޒުވީ އެކާރުތައް ކުރިއަރައިގެން ދިޔުމާ އެކުގައެވެ. މި އޮޕަރޭޝަނުން އެއްކަމެއް ޔަގީންވެގެން ހިނގައްޖެއެވެ. އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުގެ ތެރެއިން އެމެރިކާ ވަނީ ޖާސޫސުން ހޯދާފައެވެ. ކުރިން ނުލިބޭ މައުލޫމާތު މިހާރު ލިބޭން ފަށައިފިއެވެ. މިއީ އީރާނުގެ ވެރިންވެސް އަދި މި ޖަމާއަތްތަކުގެ ވެރިންވެސް ވަރަށް ބޮޑަށް ފިކުރުކުރަން ޖެހިފައިވާ ހަގީގަތެކެވެ.