ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް އާއި މުހައްމަދު ސާމިރު މާޒިޔާ ސްޕޯޓްސް އަށް ސޮއިކޮށްފިއެވެ.

އުމުރުން 22 އަހަރުގެ އައިސަމް މާޒިޔާ އަށް ބަދަލުވީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެއިތުރުން ސާމިރުވެސް މާޒިޔާއަށް ބަދަލުވީ ތިން އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސާމިރު އަކީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޓީސީ ދޫކޮށް މާޒިޔާ އަށް ބަދަލުވި ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޓީސީއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ. އަދި މިފަހަރުގެ ޓްރާންސްފަރ ފެށުނު ފަހުން ޓީސީއަށް ދެން ގުޅުނީ އައިސަމް އެވެ.

އަންނަ އޭއެފްސީ ކަޕަށް މާޒިޔާ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މިހާތަނަށް މާޒިޔާއަށް ވަނީ ތިން ކުޅުންތެރިން ގެނެސްފައެވެ. އެއީ ސާމިރު އާއި އައިސަމްގެ އިތުރުން އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދެވެ. މީގެއިތުރުން އިތުރު ބިދޭސީ ކުޅުންތެރިއެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ޓީމުން މައުލޫމާތުދެއެވެ. ޤައުމީ ފުޓުބޯޅަ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ސާމިރު އާއި އައިސަމް އާއެކު މާޒިޔާ ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފައެވެ.

އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ވެސް ހިމެނުނު އައިސަމް ވަނީ އެޓީމާއެކު ޔޫތު މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އީގަލްސް އަށް 2017 ވަނަ އަހަރުގެ ކުރީކޮޅު ކުޅުމަށް ފަހު އައިސަމް އަލުން ފުރަތަަމަ ޑިވިޝަނުން ފެނުނީ މި ސީޒަނުގައި ޓީސީންނެވެ. ޓީސީ ޖާޒީގައި ތަފާތު މޮޅު ކުޅުމެއް ދައްކައި އައިސަމް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދައިފައެވެ.

ސާމިރު އެންމެ ފުރަތަމަ ނިއުރޭޑިއަންޓަށް ކުޅުމަށްފަހު ފަހުން ވަނީ ބީޖީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެއިތުރުން ނިއުރޭޑިއަންޓަށް ވެސް ކުޅެފައެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާޒިޔާ ކުޅޭނީ ބަންގްލަދޭޝް އަބަހާނީ ލިމިޓެޑް ޑާކާއާ އެވެ. އަންނަ މަހު 5 ވަނަ ދުވަހު ޑާކާގައި އަދި 12 ވަނަ ދުވަހު މާލޭގައި ކުޅޭ ދެ ލެގުން ކުރި ލިބިއްޖެނަމަ މާޒިޔާއަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.