އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ނިއުޔޯކަށް ވަޑައިގަތުމަށް އެމެރިކާއިން އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފްއަށް ވިސާދޭން އިންކާރުކޮށްފިއެވެ.

އެމެރިކާއިން ވިސާދޭން އިންކާރުކުރިކަން ހާމަކުރެއްވީ، ޚުދު ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފްއެވެ.

ތެހެރާނުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޒާރިފް ވިދާޅުވީ، އެމެރިކާއަށް މީހަކުގޮސް ހަގީގަތް ހާމަކޮށްފާނެތީ އެމެރިކާ ބިރުގަތީ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް ވަޑައިގަތުމަށް ވިސާ އެދިވަޑައިގެންނެވި މައްސަލާގައި އެމެރިކާގެ ޚާރިޖިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް، އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހު ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރަށް ވިސާދޭން އެމެރިކާ ދެކޮޅުހަދާފައިވާ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ބައްދަލުވުމަކީ އދގެ ޗާޓަރު ނެގެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖައްސަވާފައި އޮތީ، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ހަމަލާ ދިނުމުގެ ކުރިނެވެ.

އދގެ މައި މަރުކަޒު ހުންނަނީ ނިއުޔޯކްގައި ކަމަށްވެފައި، ދުނިޔޭގެ ގައުމުތަކުގެ އޮފިޝަލުން އެމެރިކާއަށް ވަޑައިގަތުމަށް ވިސާ ދިނުމަކީ އެމެރިކާގެ މައްޗަށް ލާޒިމް ކަމެކެވެ. އެކަން ކަނޑައަޅާފައިވަނީ 1947 ވަނަ އަހަރު އެމެރިކާއާއި އދއާ ދެމެދު ސޮއިކޮށްފައިވާ "ހެޑްކުއާޓަރސް އެގްރީމެންޓް" ގައެވެ.

އެހެން ނަމަވެސް، އެމެރިކާއިން ބުނަމުން އަންނަނީ، ސަލާމަތާއި، ޓެރަރިޒަމް އަދި ޚާރިޖީ ސިޔާސަތާ ގުޅޭކަމެއްގައި ވިސާ ދިނުމަށް އެމެރިކާއަށް ދެކޮޅުހެދިދާނެ ކަމަށެވެ.

ނިއުޔޯކްގައި ހުންނަ އީރާނުގެ މިޝަނުން ބުނެފައިވަނީ، ޚާރިޖީ ވަޒީރު އެމެރިކާއަށް ވަޑައިގަތުމަށް ވިސާދޭން އެމެރިކާއިން ދެކޮޅުހެދިކަމުގެ ޚަބަރުތައް ލިބުނީ މީޑިއާއިން ކަމަށެވެ. އެކަމާބެހޭ ތަފްސީލެއް އެމެރިކާ ސަރުކާރުންވެސް އަދި އދއިންވެސް މިޝަންއާ ރަސްމީގޮތުން ހިއްސާ ކޮށްފައި ނުވާކަމަށް ބުނެފައި ވެއެވެ.

މިކަމާ ބެހޭގޮތުން އެއްޗެއް ބުނަން އދގެ ތަރުޖަމާނު ސްޓެފަން އިންކާރު ކުރައްވާފައި ވާކަމަށް މީޑިއާއިން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަޑައިގަތުމަށް އެމެރިކާއިން ވިސާ ނުދިނީ، އެ ބައްދަލުވުމަށް ޒާރިފް ވަޑައިގެން އީރާނު ސިފައިންގެ ކޮމާންޑަރު އަވަހާރަކޮށްލި މައްސަލާގައި އެމެރިކާ ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްވާނެތީއާއި، ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓޭނެކަން އެމެރިކާއަށް އެނގޭތީއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް އެންމެފަހުން އެމެރިކާއަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އެއީ، އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށެވެ.

ޖުލައިމަހާއި އޭޕްރީލްމަހު ބޭއްވި އދގެ ބައްދަލުވުންތަކަށްވެސް ޒާރިފް އެމެރިކާއަށް ވަޑައިގެންނެވިއެވެ. ނަމަވެސް، ޖުލައިމަހު ކުރެއްވި ދަތުރުފުޅުގައި އެމެރިކާއިންވަނީ އީރާނު އެމްބަސީއާއި އދގެ މަރުކަޒާ ދެމެދު ނޫން މަގެއްގައި ދަތުރު ނުކުރެއްވޭގޮތަށް އަދި އިތުރު އެއްވެސް ތާކަށްވެސް ވަޑައި ނުގެންނެވޭގޮތަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.