އެމެރިކާގެ ހުރިހާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި އީރާނުގެ ޕާލަމެންޓުން ބިލެއް ފާސްކޮށްފިއެވެ.

ޕާލަމެންޓުން ފަސްކުރި ބިލްގައި ކަނޑައަޅާފައިވަނީ، އެމެރިކާގެ އަސްކަރީ ފައުޖުގައި ހިމެނޭ ހުރިހާ ސިފައިންނާއި، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ހުރިހާ މުވައްޒަފުންނާއި، ޕެންޓަގަންއާ ގުޅިފައިވާ ހުރިހާ އޮގަނައިޒޭޝަންތަކާއި، އޭޖެންޓުންނާއި ކޮމާންޑަރުންގެ އިތުރުން، އީރާނު ސިފައިންގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އަމުކުރި އެންމެންނަކީވެސް "ޓެރަރިސްޓުން" ކަމަށެވެ.

"މިލިޓަރީ ގޮތުންނާއި، ޖާސޫސީގޮތުން، މާލީގޮތުން، ޓެކްނިކަލް ނުވަތަ ޚިދުމަތެއްދިނުން ނުވަތަ ލޮޖިސްޓިކް ކަމެއްގައި ބިލްގައި ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް އެހީތެރިވުމަކީ ޓެރަރިސްޓް އަމަލަކަށް އެހީތެރިވުންކަމުގައި ބެލެވޭނެ"
ޕާލަމެންޓް

ރިޕޯޓްތައް ބުނާގޮތުން، ޕާލަމެންޓުން މިއަދު ފާސްކުރި ބިލަކީ މިދިޔަ އަހަރުގެ އޭޕްރީލްމަހު އީރާނުން ފާސްކޮށްފައިވާ ގާނޫނަށް ގެނެވުނު އިސްލާހްތަކެކެވެ. މިދިޔަ އަހަރު އީރާނުން ފާސްކުރި ގާނޫނުގައި ކަނޑައަޅާފައިވަނީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ.

މީގެއިތުރުން، އީރާނުގެ ގުދުސް ފޯރސްގެ ދިފާއީ ގާބިލްކަން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޕާލަމެންޓުން މިއަދުވަނީ 200 މިލިއަން ޔޫރޯގެ ބަޖެޓެއްވެސް ފާސްކޮށްފައެވެ.

އީރާނުން އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅަމުން މިގެންދަނީ، ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އެމެރިކާގެ ކިބައިން ބަދަލުހިފުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށް ވަރަށް ވަރުގަދަ އަދި ވޭންދެނިވި ބަދަލު ހިފާނޭކަމަށް އީރާނުގެ އެކި ފެންވަރުގެ މަސްއޫލުވެރިން ވައުދުވެވަޑައި ގަންނަވަމުން ގެންދަވާއިރު، މުޅި މެދުއިރުމަތިން އެމެރިކާ ބޭރުކޮށްލާނެ ކަމަށްވެސް ގެންދަވަނީ ވައުދުވެވަޑައި ގަންނަވަމުންނެވެ.