އިރާގުގައި އެމެރިކާ ސިފައިން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ގުދުސް ފޯރސްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީގެ ޖަނާޒާ މިއަދު ބާއްވާފައިވާއިރު، ޖަނާޒާގައި ބައިވެރިވި މީހުންގެ އަދަދު ގިނަކަމުން ގާތްގަނޑަކަށް 50 މީހުން ފިތިގެން މަރުވެ، އިތުރު އެތައްބަޔަކު ޒަޚަމްވެއްޖެއެވެ.

އީރާނުގެ އިމަޖެންސީ މެޑިކަލް ސަރވިސަސްގެ ވެރިޔާ ފީރްހުސައިން ކައުލިވަންދުއާ ހަވާލާދީ އީރާނުގެ ދެ ނޫހަކުންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ޖަނާޒާގެ ތެރޭގައި ފިތިބާރުވެގެން އަނިޔާވި މީހުންގެ އަދަދު 213 އަށް އަރާކަމަށްވެސް ފާރސް އަދި އިރްނާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

ފިތިގެން މީހުން މަރުވީ، ޖެނެރަލް ގާސިމް ސުލައިމާނީ ވަޅުލުމުގެ ކަންތައް ކުރިއަށް ދިއުމުގެ ތެރޭގައެވެ. ސުލައިމާނީ ވަޅުލާފައިވަނީ އޭނާގެ އުފަންރަށް ކަރްމާންއެވެ.

ސުލައިމާނީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ވެރިރަށް ތެހެރާނުގައި ހުންނަ ތެހެރާން ޔުނިވަރސިޓީގައެވެ. އިމާމުވެ ކަށުނަމާދުކޮށްދެއްވީ އީރާނުގެ ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އެވެ.

އެމެރިކާ ސިފައިންގެ ހަމަލާއެއްގައި ޖެނެރަލް ސުލައިމާނީ އަވަހާރަ ވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެގޭ ބަޣުދާދުގައެވެ. އޭނާގެ ހަށިކޮޅު އިރާގާއި އީރާނާ އިންވެގެން އޮންނަ އީރާނުގެ ދެކުނުހުޅަނގު ސިޓީއެއް ކަމަށްވާ އަހްވާޒަށް ގެނެވުނީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ޖެނެރަލް ސުލައިމާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމަށް އަހްވާޒަށް އެތައްސަތޭކަހާސް ބަޔަކު ޖަމާވިއިރު، ސުލައިމާނީގެ ހަށިކޮޅު ވެރިރަށް ތެހެރާނަށް ގެނެވުނު ވަގުތާ ދިމާކޮށް މިލިއަނަކަށްވުރެ ގިނަމީހުން މަގުތަކަށް އެއްވިއެވެ.

އެންމެފަހުގެ އިހްތިރާމް އަދާކުރުމާއި، ޖަނާޒާގެ ކަންތައްތަކަށްފަހު ވަޅުލުމަށްޓަކައި ސުލައިމާނީގެ ހަށިކޮޅު ކަރްމާންއަށް ގެންދެވުނީ މިއަދުއެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމުން މުޅި އީރާން އެކަމާ ހިތާމަފާޅުކުރަމުން އެބަގެންދެއެވެ. އަދި އެމެރިކާގެ ކިބައިން ވަރުގަދައަށް ބަދަލުހިފުމަށް އީރާނުގެ މަސްއޫލުވެރިންނަށް އާންމުން ގެންދަނީ ގޮވާލަމުންނެވެ.

އީރާނުގެ ވެރިން ވަނީ، ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު، ވަރުގަދައަށް ހިފާނޭ ކަމަށެވެ. އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ބަދަލުހިފުމުގެ ގޮތުން އީރާނުން އެމެރިކާ ރައްޔިތަކަށް ނުވަތަ އެމެރިކާގެ މަސްލަހަތަކަށް ހަމަލާދީފިނަމަ އީރާނުގެ 52 ތަނަކަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނޭ ކަމަށެވެ. އެ ހަމަލާތައް ވެގެންދާނީ އީރާނު މިހާތަނަށް ތަޖުރިބާނުކުރާ ވަރުގެ ހަމަލާތަކަކަށް ވާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކުރައްވާފައި ވެއެވެ.

ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށާފަނެތީ، އެކަން ހުއްޓުވަން ނުވަތަ ޓްރަމްޕްގެ ކިބައިން ހަނގުރާމައަށް ދިއުމުގެ ބާރުތައް ނިގުޅައިގަތުމަށް އެމެރިކާގެ ކޮންގްރެސްއިން މިހާރުވަނީ ގާނޫނެއް ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ.