އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެތިބޭ 2 އަސްކަރީ ބޭހަކަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

ރޭގނޑުގެ ކަނު އަނދިރީގެ ތެރޭގައި އީރާނުގެ ތެރެއިން އައި މިސައިލްތައް އަމާޒުވެފައިވަނީ، އިރާގުގެ އަންބާރު ޕްރޮވިންސްގައި ގާއިމްކޮށްފައިވާ އައިނުލް އަސަދު އެއަރބޭސްއަށާއި، އިރްބީލްގައި ގާއިމްކޮށްފައިވާ ބޭސްއަށެވެ.

މި ދެތަނަށް 22 މިސައިލް ހަމަލާ އަމާޒުވިއެވެ. އެގޮތުން، އައިސުލް އަސަދު އެއަރބޭސްއަށް 17 މިސައިލް އަދި އިރްބީލް އެއަރބޭސްއަށް 5 މިސައިލް އަމާޒުވިކަމަށް އިރާގު އަސްކަރިއްޔައިން ބުނެއެވެ.

ނަމަވެސް، މިހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވެފައިވަނީ، ހުރިހާ އެންމެން ތިބީ ހެޔޮހާލުގައި ކަމަށެވެ.

އީރާނުގެ ތެރެއިން އައި މިސައިލްތައް އަސްކަރީ ބޭސްތަކަށް އަމާޒުވިކަން އިރާގުގެ އަސްކަރިއްޔާއިން ވެސް ކަށަވަރު ކޮށްދީފައި ވެއެވެ. އަދި އެ ހަމަލާތަކުގައި އިރާގު ސިފައިންގެ އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެމެރިކާ ސިފައިންނާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް، އީރާނުގެ ގައުމީ ޓީވީން ބުނެފައިވަނީ، މިސައިލް ހަމަލާތަކުގައި އެމެރިކާގެ 80 ޓެރަރިސްޓުން މަރުވި ކަމަށެވެ. އަދި އީރާނުން ފޮނުވާލި އެއްވެސް މިސައިލެއް އެމެރިކާ ސިފައިންނަށް ވައްޓާލެވިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ. މިހަމަލާތަކުގައި އަސްކަރީ ބޭސްތަކުގައި ހުރި އެމެރިކާގެ ހެލިކޮޕްޓަރުތަކާއި، އަސްކަރީ އެހެން އެތައް ސާމާނެއްވެސް ހަލާކުކޮށްލެވުނު ކަމަށް އީރާނުގެ ގައުމީ ޓީވީން ބުނެފައި ވެއެވެ.

ނަމަވެސް، އީރާނުގެ ގައުމީ ޓީވީން ހާމަކޮށްފައިވާ މިމައުލޫމާތު މިނިވަން ގޮތެއްގައި ކަށަވަރު ނުކުރެވޭ ކަމަށް މީޑިއާއިން ބުނެއެވެ. އަދި އެމެރިކާ ސިފައިންގެ 80 މީހުން މަރުވި ކަމަށް ބުނެފައިވަނީ ކޮން ގޮތަކުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމެއްވެސް އީރާނު ޓީވީން ބުނެފައި ނުވާކަމަށް މީޑިއާއިން ބުނެއެވެ.

އީރާނުން އެމެރިކާ ސިފައިން ތިބޭ އަސްކަރީ ދެ ބޭހަކަށް މިސައިލް ހަމަލާތައް މިދިނީ، މިދިޔަ ހުކުރު ދުވަހުގެރޭ އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި، އިރާގުގައި ހުންނެވި އީރާނު ގުދުސް ފޯސްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އީރާނުން ބުނެފައިވަނީ، އެމެރިކާގެ އެ އުދުވާނަށް ވޭންދެނިވި ބަދަލުހިފުމަކުން ބަދަލު ހިފާނޭ ކަމަށެވެ.

އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ގާރޑް ނުވަތަ ރިވޮލިއުޝަނަރީ ގާރޑްސްގެ އިސް ފަރާތްތަކާ ހަވާލާދީ ގައުމީ ޓީވީން ބުނެފައިވަނީ، އީރާނުން ދިން މިސައިލް ހަމަލާތަކުގެ ރައްދުގައި އެމެރިކާއިން އެއްވެސް ހަމަލާއެއް ދީފިނަމަ، އީރާނުން ދެން ހަމަލާތައް އަމާޒުކުރާނެ 100 ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ، ސަރަހައްދުގެ 100 ތަނެއް ކަމަށްވެސް ބުނެފައި ވެއެވެ.

މިސައިލް ހަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް ވިދާޅުވީ، އީރާނުން ދިން ހަމަލާތަކަކީ އދގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ. އަމިއްލަ ދިފާއުގައި ހަމަލާ ދިނުމަކީ އީރާނަށް ލިބިގެންވާ ހައްގެއްކަން އެމެރިކާ ނިކަން ރަނގަޅަށް ދަންނަން ޖެހޭނޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"އެއީ، އދގެ ޗާޓަރުގެ އާޓިކަލް 51 ގެ ދަށުން އަމިއްލަ ދިފާއުގައި ދެވުނު ހަމަލާތަކެއް. އެއީ، އަޅުގަނޑުމެންގެ ރައްޔިތުންނަށާއި، އިސް އޮފިޝަލުންނަށް އަމާޒުކޮށް ފިނޑި ހަމަލާތައް ފޮނުވާލި ތަންތަން. އަޅުގަނޑުމެން ކުރިމަތިލުމަކަށް ދާކަށށް ބޭނުމެއްނޫން އަދި ހަނގުރާމައެއް ކުރާކަށްވެސް ބޭނުމެއްނޫން. އެހެން ނަމަވެސް، ކޮންމެ އުދުވާނަކާ ވަރުގަދައަށް ކުރިމަތިލާނަން"
އީރާނުގެ ޚާރިޖީ ވަޒީރު

އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، މި ހަމަލާތަކަކީ އެމެރިކާއިން ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމުން އީރާނުން އެމެރިކާގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށެވެ. މެސެޖް ރައްދުވެއްޖެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުން އިރާގުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ދެ ބޭސްއަކަށް މިސައިލް ހަމަލާތައް ދިނުމާ ގުޅިގެން ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ދުނިޔޭގައި ފެށި، ގައުމުތަކުން ފިޔަވަޅު އަޅަން ފަށާފައި ވެއެވެ.

އީރާނުން ދިން ހަމަލާ ހުޅަނގުގެ ބައެއް ގައުމުތަކުން ކުށްވެރި ކުރަމުންގެންދާއިރު، ޗައިނާފަދަ ގައުމުތަކުންވަނީ މަސްރަހް ފިނިކުރުމުގެ މަސައްކަތް ފަށާފައެވެ.