އީރާނުގެ ގުދުސް ފޯރސްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލައިގެން އެމެރިކާއިން "ސުލައިމާނީގެ އަތް ބުރިކޮށްލީކަމަށް" ވެދާނެ ކަމަށާއި، އެހެން ނަމަވެސް، އޭގެ ރައްދުގައި ސަރަހައްދުން އެމެރިކާގެ "ފައި ބުރިކޮށްލާނެކަމަށް" ވިދާޅުވެ، އީރާނުގެ ރައީސް ހަސަން ރޫހާނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އީރާނުގެ ރައީސްގެ މިއިންޒާރު އައީ، އީރާނުގެ ގައުމީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރޫހާނީ ވިދާޅުވީ، އީރާނުގެ ކޮމާންޑަރު އަވަހާރަ ކޮށްލި މައްސަލައަށް އީރާނުން އެމެރިކާއަށް ދޭނޭ އެންމެފަހު ޖަވާބަކަށްވާނީ، ސައްޕެއްޖަހައި އެމެރިކާ ސިފައިން މެދުއިރުމަތިން ބޭރުކޮށް ފައްސާ ނަގާލުން ކަމަށެވެ.

އީރާނުން ރޭ މެންދަމުވަނީ، އިރާގުގައި އެމެރިކާ ސިފައިންނާއި، ކޯލިޝަންގެ ބައިވެރިން ތިބޭ އަސްކަރީ ދެ ބޭހަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ މީހަކަށް އެއްވެސް ކަމެއް ވީކަމަށް ރަސްމީގޮތެއްގައި އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައި ނުވާއިރު، ނަން ހާމަނުކުރާ އެމެރިކާގެ އޮފިޝަލަކު ވަނީ، ހަމަލާތަކުގައި ބައެއް ސިފައިން މަރުވިކަން ކަށަވަރުކޮށް ދީފައެވެ.

ހަމަލާތަކާ ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ، ސަރަހައްދުން ވަގުތުން ފައިބައިގެން ދިއުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، އީރާނުން ދިން މިސައިލް ހަމަލާތަކަކީ އެމެރިކާގެ މޫނުމަތީގައި އީރާނުންޖެހި ތަފާލެއް ކަމަށެވެ.

"މިބާވަތުގެ އަސްކަރީ ފިޔަވަޅުތަކަކީ ފުދޭނޭ މިންވަރެއްނޫން. މުހިންމު ކަމަކީ ސަރަހައްދުގައި އެމެރިކާ ސިފައިން ތިބޭ ތިބުމަށް ނިމުމެއް ގެނައުން"
ޚާމަނާއީ

އީރާނުގެ ރޫހީ ލީޑަރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އީރާނުގެ ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޚާމަނާއީގެ ވާހަކަފުޅުގައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާއާ އީރާނުން އެއްވެސް މަޝްވަރާއެއް ނުކުރާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ޚާމަނާއީގެ ވާހަކަފުޅުގައި، އެމެރިކާއިން ލުބުނާނުގެ ހިޒްބުﷲ ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ، އިސްރާއީލަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ކުރާ ކަމެއް ކަމަށްވެސް، އީރާނުގެ ކަންކަމުގައި އެންމެފަހުބަސް ވިދާޅުވާ ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވިއެވެ.

އަނެއްކޮޅުން، އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ކޮމާންޑް، އީރާން ރިވޮލިއުޝަނަރީ ގާރޑްސް ކޮމާންޑްގެ ކޮމާންޑަރ ވިދާޅުވީ، އިރާގަށް ދެވުނު ހަމަލާތަކަކީ ފެށުން ކަމަށާއި، ސަރަހައްދުން އެމެރިކާ ސިފައިންގެ އެކަކުވެސް ސަލާމަތުން ދޫކޮށް ނުލާނޭ ކަމަށެވެ.

"މިއަދުގެ މިސައިލް ހަމަލާތަކަކީ ފުރަތަމަ ފިޔަވަޅު. ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދިއުމާމެދު ޑޮނަލްޑް ޓްރަމްޕް ވިސްނަންޖެހޭ. އަހަރެމެންގެ އަތުޖެހޭ ހިސާބުގައި އެމީހުން ނުބޭތިއްބުން ބުއްދިވެރި"
ކޮމާންޑަރ

އީރާނުގެ ރައީސް ހަސަން ރޫހާނީގެ މުޝީރެއް ކަމަށްވާ ހިސާމުއްދީން އަޝީނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އީރާނުން ދިން މިސައިލް ހަމަލާއަށް އެމެރިކާއިން ރައްދު ދީފިނަމަ ނުވަތަ ބަދަލުހިފުމުގެ ގޮތުން ހަމަލާ ދީފިނަމަ މުޅި މެދުއިރުމަތި ހަނގުރާމައަށް ނުކުންނާނޭ ކަމަށެވެ.

އެހެން ނަމަވެސް، އޭނާގެ އިންޒާރު ސައުދީ އަރަބިއްޔާއަށް އަމާޒުވީ އެހެން ގޮތަކަށެވެ. ހިސާމުއްދީން ވިދާޅުވީ، މުޅި މެދުއިރުމަތި ހަނގުރާމައަށް ނުކުތް ނަމަވެސް ސައުދީ އަރަބިއްޔާއަށް އެހެންގޮތެއް އިޚްތިޔާރު ކުރެވިދާނެ ކަމަށެވެ. ސައުދީއަށް ސުލްހައިގައި އޮވެވިދާނެ ކަމަށެވެ.