އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީން ހިންގާ ވީމީޑިއާގެ އެކްޓިންގ ސީއޯއޯއަކަށް ވީމީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރ މުހައްމަދު ޒަހީން ހަމަޖައްސައިފިއެވެ.T

އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ޗީފް ކޮންޓެންޓް އޮފިސަރ މުހައްމަދު ޒަހީން މިހާރު އަދާކުރައްވަމުން ގެންދަވާ އެންމެހާ ޒިންމާއާއި މަސްއޫލިއްޔަތުގެ އިތުރަށް، އަދާ ކުރައްވާ ދައުރު ފުޅާކޮށް، ވީމީޑިއާގެ ހިންގުމާއި އޮޕަރޭޝަންސް އާއި ގުޅުންހުރި އެންމެހާ ކަމެއް މުހައްމަދު ޒަހީންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން ކުރިޔަށް ގެންދަވާގޮތަށް އެކުންފުނިން ނިންމާފައިވާކަމަށެވެ. އަދި މި ބަދަލާއެކު ވީމީޑިއާގެ ސީއޯއޯގެ ހައިސިއްޔަތުން މީގެ ކުރިން މުހައްމަދު އާސިފް ކުރައްވަމުންގެންދެވި އެންމެހާ ކަންކަން ޖެނުއަރީ އެކަކުން ފެށިގެން އިސްވެ ބަލަހައްޓަވަމުން ގެންދަވާނީ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީންކަމަށެވެ.

ވީމީޑިއާގެ އެކްޓިންގ ސީއޯއޯއަކަށް ޒަހީން ހަމަޖެއްސުމާއި ގުޅިގެން ސީއޯއޯގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އާސިފް( މޮންދު) ވިދާޅުވީ ޒަހީން އަކީ މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ދޭހަކުރައްވާ ޒިންމާދާރު ލީޑަރެއްކަމަށެވެ. އެންމެ ފުރަތަމަ ޒަހީން މަސައްކަތްކުރެއްވިއިރު ފެށިގެން މިހާތަނަށް ޒަހީން އަށް މިދާއިރާގެ ވަރަށްގިނަ އެއްޗެހި ދަސްވެފައިވާކަމަށެވެ. އަދި އޭނާއަކީ އާ ކަންކަން ދަސްކުރުމަށް ވަރަށް ޝައުގުވެރިވާ ބޭފުޅެއްކަން ފާހަގަކުރެވައްވ ާ މޮންދު ވިދާޅުވީ އެއީ ވަރަށް ގަޔާވެ މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ. އެގޮތުން ޒަހީން އެންމެ ފުރަތަމަ ވީޓީވީ އާ ގުޅިވަޑައިގަތީ ވީއެފްއެމްގެ މަސައްކަތްތައް ކުރެއްވުމަށް ކަމަށާ، އެތަނުގައި ވެސް މަސަތްތަކުގެ ޒިންމާ ފުރިހަމައަށް އަދާ ކުރެއްވި ކަމަށެވެ. ޒަހީން އަކީ، ޕްރޮޑަކްޝަން ވަރަށް ރަނގަޅު، ހިންގުންތެރި ގާބިލް ބޭފުޅެއްގެ ގޮތުގައި މޮންދު ވަނީ ސިފަކުރައްވާފައެވެ.

ވީމީޑިއާގެ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީން ވިދާޅުވީ ވީމީޑިއާގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އާސިފް(މޮންދު) އަކީ ބްރޯޑްކާސްޓިންގ ދާއިރާގައި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ޕޮރޮފެޝަނަލް ބޭފުޅާ ކަމަށެވެ. އަދި ވީމީޑިއާގައި މިހާތަނަށްވެސް މަސައްކަތް ކުރެވިފައިވަނީ މޮންދުގެ ދަށުންކަމަށާ، ވީމީޑިއާގެ ކުރިމަގަށް މޮންދު ވަރަށް ބޮޑު އިސަކަމެއް ދެއްވާ، އެ އަމާޒަށް ވާސިލް ވުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ. އެހެންކަމުން މޮންދު މަސައްކަތް ކުރެއްވި މަގުން އެ އަމާޒަށް ވާސިލް ވުމަށާ، ވީމީޑިއާގެ މުސްތަގުބަލް އުޖާލާކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މޮންދާއި އެކު މަސައްކަތް ކުރަމުން މި ހާތަނަށް ވެސް މި އައީ . މޮންދު ވީމީޑިއާގެ މުސްތަޤްބަލަށް ވަރަށް ބޮޑު އުންމީދުތަކެއް ކުރައްވާ، ވަރަށް ގިނަ އާ ކަންތައްތަކެއް ކުރައްވާ. މޮންދާ އެކު މަސައްކަތް ކުރިނަމަވެސް މޮންދު އެކަންކަން ކުރެއްވި ފެންވަރަށް އެހާ ފުރިހަމައަށް ކުރުމަކީ އުދަގޫކަމަކަށް ވާނެ. އެހެންނަމަވެސް އަޅުގަނޑަށް ކުރެވޭނެ އެންމެ ރަގަޅަށް އެކަންކަން ކުރެވޭތޯ މަސައްކަތް ކުރާނަން.
އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީން

ވީމީޑިއާގެ މުސްތަގްބަލާދޭތެރޭގައި ކުރައްވާ އުންމީދަކީ ކޮބައިތޯ ދެންނެވުމުން ޒަހީން ވިދާޅުވީ މުސްތަގުބަލާއި ދޭތެރޭ އެއްޗެއް ބުނަށް އަދި އަވަސް ކަމަށެވެ. އެހެންނަމަވެސް ވީމީޑިއާ ގެންދެވެން އޮތް އެންމެ އުސްމިނަކަށް ގެންދަވާނެކަމަށެވެ. އަދި އަމާޒަކީ ހަމައެކަނި ރާއްޖެއަށް ފޯކަސް ކުރުން ނޫންކަމަށާ އޭގެ ބަދަލުގައި ވީމީޑިއާގެ އުފެއްދުންތައް މުސްތަގްބަލުގައި ރާއްޖޭން ބޭރަށް ދިއުމަކީ އަމާޒެއްކަމަށެވެ.

އަދި ދަތި މުސްތަގްބަލްގައި ވީމީޑިއާ ފެންނާނީ ކިހިނެތްތޯ ދަންނަވަން. ކުރިމަގުގައި އަޅުގަނޑުގެ ވިސްނުން އޮތީ ވީއެންމެ އުހަކަށް ގެންދާނަމޭ. އަޅުގަނޑުމެންގެ ޓީމް ވަރަށްވެސް ވަރުގަދަ. އެގޮތުން މިދާއިރާގައި ތިބި އެންމެ ރަގަޅު ބޭފުޅުން އަޅުގަނޑުމެންގެ ޓީމުގައި އެބަތިއްބެވި. އަޅުގަނދުމެންގެ ފޯކަސް ދިވެހިރާއްޖެއަށް އެކަންޏެއް ނޫން ފޯކަސް ކުރާނީ. އަޅުގަނޑުމެންގެ އުފެއްދުންތައް އަޅުގަނޑު އުންމީދު ކުރަނީ ރާއްޖޭން ބޭރަށް ވެސް ދާން. އަޅުގަނޑުމެންގެ އުފެއްދުންތައް ރާއްޖޭންބޭރާ ގުޅިގެން އުފައްދާ އުފެއްދުންތަކެއްކަން ފެނިގެންދިއުން އެއީ އަޅުގަނދުގެ ވަރަށް ބޮޑު އުންމީދެއް. އަދި މޮންދުގެ ވެސް އުންމީދެއް އެހެންވީމަ އެކަންކަމުގަ އަޅުގަނޑުވެސް ހިފައިގެން ކުރިޔަށް ދިއުމަށް މަސައްކަތް ކުރާނީ
ވީމީޑިއާގެ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީން

ކުޑައިރުން ފެށިގެންވެސް ބޮރޯޑުކާސްޓިންގ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މުހައްމަދު ޒަހީން، ބްރޯޑް ކާސްޓިންގ ދާއިރާގައި މަސައްކަތް ކުރައްވާތާ 36 އަހަރު ވެއްޖެއެވެ. އެގޮތުން އެންމެ ފުރަތަމަވެސް މަސައްކަތް ކުރަން ބޭނުންވީ ޓީވީމޯލްޑިވްސްގައި ކަމަށް ޒަހީން ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނާ އެވަގުތު ހަވާލުވެ ހުންެވި ބޭއްފުޅާ ރާއްޖޭގައި ނެތުމުން، ރޭޑިއޯގެ ޓްރޭނީއެއްގެ މަގާމަށް ދިއައީކަމަށެވެ. ރޭޑިއޯގައި މަސައްކަތް ކުރަންފެއްޓެވުމުން މި ދާއިރާއަށް އިތުރަށް ޝައުގުވެރިކަން އުފެދުނުކަމަށެވެ. އެހާ ހިސާބުން މިދާއިރާގައި މަސައްކަތް ކުރަމުންދިޔައީ އޮފީސް މަސައްކަތެއްގެ ގޮތުގައި ދެކިގެން ނޫންކަމަށާ، މަސައްކަތް ކުރަމުން މިހާ ހިސާބަށްވެސް އައީ ޝައުވެރިކަމާއިއެކު އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް ޒަހީން ފާހަގަކުރެއްވި އެވެ.

1985 ގައި ބްރޯޑުކާސްޓިންގ ދާއިރާއަށް ނިކުންނެވި ޒަހީން ވީމީޑިއާ އާއި ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގަ އެވެ. ވީމީޑިއާގައި ޒަހީން ހޭދަކުރެއްވި 6 އަހަރުގެ ތެރޭގައި ވީމީޑިއާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާ، ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އަދި އެކްޓިންގ ސީއޯއޯކަން ހަވާލު ކުރިއިރު ހުންނެވީ ޗީފް ކޮންޓެންޓް އޮފިސަރގެ މަގާމުގައެވެ