މި ހިނގާ 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5.5 އިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފި އެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގެ މި އަހަރުގެ ފުރަތަމަ އަަދަދު ބުރާސްފަތިދުވަހު ވަނީ ނެރެފައެވެ. އެ ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު ވަނީ މަޑުޖެހިފަ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރިޔަސް، މުޅި އިގްތިސާދުގެ ކުރިއެރުން މަޑުޖެހުނީ ބޮޑެެތި މަޝްރޫއުތަކެއް ނިމުމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތެރިކަން މަޑުޖެހުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުންނާނީ 5.2 ޕަސެންޓްގައި ކަމަށް ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކުން ވަނީ ކުރިން ވެސް ލަފާކޮށްފަ އެވެ. މިއީ، ކުރީގެ އަންދާޒާތަކަށް ވުރެ ދަށް އަދަދެކެވެ.

ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 5.5 އިންސައްތައިގަ ހުންނައިރު، ކުރިއަށް އޮތް ދެ އަހަރު ވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ އެވްރެޖްކޮށް އަހަރަކު 5.6 އިންސައްތައިގައި ކަމަށް އެބޭންކުން ވަނީ އަންދާޒާކޮށްފައެވެ.

މިއަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެހި 5.5 އިންސައްތައިގައި ހުންނާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 7.5 އިންސައްތައިގަ އެވެ. އެހެންކަމުން، ވޯލްޑް ބޭންކުގެ މި އަންދާޒާ އަކީ ރާއްޖޭގެ އިދާރާތަކުގެ އަންދާޒާތަކަށް ވުރެ ދަށް އަދަދެކެވެ.

2020 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށް ވުމާ އެކު، އެ ދާއިރާގެ ކުރިއެރުން މި އަހަރު 2.6 އިންސައްތައިގައި ހިފެހެއްޓޭނެ އެވެ. އަދި މިދިޔަ އަހަރު އިގްތިސާދީ ކުރިއެރުން މަޑުޖެހެން މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމަށްވާ އިމާރާތްކުރުމުގެ ދާއިރާ އަށް އައިސްފައިވާ ހީނަރުކަމުން ކޮންމެ ވެސް ވަރަކަށް އަރައިގަނެވި، އެސިނާއަތްވެސް މި އަހަރު 1.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.