ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމަށް ބޭނުންވާ ލައިސަންސް، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.

ސީއެމްޑީ ލީސިން ކުންފުންޏަށް ލައިސަންސުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެވެ.

އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސީއެމްޑީއަށް ރާއްޖޭގައި ލީސިން ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ 8 ޖެނުއަރީ އިން ފެށިގެން އަންނަ ޖޫން މަހުގެ އަށެއްގެ ނިޔަލަށް ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ސީއެމްޑީއިން ލީސިން ވިޔަފާރި ފެށުމުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމާއި ވާދަވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ސީއެމްޑީ ފައިނޭންސް ލީސިން ކުންފުންޏަކީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏެއްކަމުގައިވާ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑް އިން 99 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޭއެމްޓީ އަކީ 80 އިންސައްތަ ޖަޕާނުގެ ހިއްސާދާރު އޮންނަ ކުންފުންޏެކެވެ.

ފައިނޭންސް ލީސިން ވިޔަފާރި ކުރުމަށް ސީއެމްޑީއަށް ހުއްދަ ދީފައިވާއިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ އެއް ކުންފުންޏަކީ މޯލްޑިވްސް ފައިނެންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.