ކުރިން އެއްވެސް ޝަރުތެއް ކަނޑައެޅުމަކާ ނުލައި އީރާނާ ވާހަކަ ދައްކަން ތައްޔާރަށް އޮތްކަމަށް އެމެރިކާއިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އެމެރިކާއިން އދއަށް ކަނޑައަޅާގައި ހުންނަވާ އެމްބަސެޑަރ ކެލީ ކްރާފްޓް، އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.

ކެލީ ކްރާފްޓްގެ ސިޓީގައިވަނީ، އީރާނުގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލީ އަމިއްލަ ދިފާއުގައި ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާއެކު، އެއްވެސް ޝަރުތަކާ ނުލައި އީރާނާއެކު ސީރިއަސް ވާހަކަތަކަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އޭގެ ބޭނުމަކީ، ދުނިޔޭގެ ސުލްހައާއި ސަލާމަތަށް ނުރައްކާވުން ހުއްޓުވައި، ކުރިމަތިލުމަކަށް ނުދިއުމަށް ކަމަށްވެސް އެމެރިކާގެ އެމްބަސެޑަރ ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރަން އަޅާންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނޭ ކަމަށްވެސް ކެލީ ކްރާފްޓްގެ ސިޓީގައި ވައުދުވެވަޑައި ގެންފައި ވެއެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލި ހަމަލާގެ ރައްދުގައި އީރާނުން އިއްޔެރޭވަނީ، އިރާގުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ދެ ބޭހަކަށް 22 މިސައިލް ފޮނުވާލައިގެން ހަމަލާތައްދީ އެތަންތަނަށް ބޮޑެތި ގެއްލުންތައް ދީފައެވެ. މިހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ކަމެއްވެފައި ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އީރާނުން ދިން ހަމަލާތަކުގެ ސަބަބުން، މަސްރަހް ހޫނުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ދުނިޔޭގައި ފެތުރިގެންދިޔައެވެ. އެހެން ނަމަވެސް، އދއާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކުރި މަސައްކަތުން މަސްރަހް މިހާރު ފެންނަނީ ކޮންމެވެސް ވަރަކަށް ފިނިވެފައިވާތަނެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލީ އަމިއްލަ ދިފާއުގައި ކަމަށް އެމެރިކާއިން ބުނެފައިވާއިރު، އިއްޔެރޭ މިސައިލް ހަމަލާތައް ދިނީ، އދގެ ޗާޓަރުގެ އާޓިކަލް 51 ގައިވާ ގޮތުގެމަތިން އަމިއްލަ ދިފާއުގައި ކަމަށް އީރާނުންވެސް ބުނެފައި ވެއެވެ.

އީރާނާއެކު ވާހަކަ ދައްކަން އެމެރިކާ ތައްޔާރަށް އޮތްކަމަށް، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވިއިރު، އީރާނުގެ އެއްބާރުލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ރޭގައިވަނީ ގޮވާލައްވާފައެވެ. ޓްރަމްޕް މިކަމަށް ގޮވާލެއްވީ އީރާނުން ދިން މިސައިލް ހަމަލާތަކުގެ ފަހުން އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެހެން ނަމަވެސް، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ މާޖިދު ތަޚުތު ރަވާންޗީ ވަނީ، ޓްރަމްޕާއި އަދި އެމެރިކާގެ އެމްބަސެޑަރުގެ ގޮވާލެއްވުންތަކާ ދެކޮޅު ހައްދަވާފައެވެ.

އޭނާ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅައި، އީރާނަށް އަދަބުދެމުންދާއިރު، އީރާނުގެ އެއްބާރުލުމަށް ޓްރަމްޕް ގޮވާލެއްވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

އީރާނުގެ އެމްބަސެޑަރ މާޖިދު ތަޚުތު ރަވާންޗީ ވިދާޅުވީ، ޖެނެރަލް ސުލައިމަނީ އަވަހާރަކޮށްލައިގެން އީރާނާ ކުރިމަތިލުންތަކަށް ދިއުމަށް އެމެރިކާއިން އާ ގޮތްގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް، އީރާނުން ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށާއި، ހަނގުރާމައަކަށްދާންވެސް ބޭނުން ނުވާކަމަށް އީރާނުގެ އެމްބަސެޑަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.