އެމެރިކާގެ ތަންތަނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ވަރަށް އަވަހަށް ދޭނޭ ކަމަށް، އީރާނުގެ ނުފޫޒުގަދަ ރިވޮލިއުޝަނަރީ ގާރޑްސް ކޮމާންޑްގެ ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

ރިވޮލިއުޝަނަރީ ގާރޑްސް ކޮމާންޑުގެ ކޮމާންޑަރެއްގެ އިންޒާރު މިއައީ، އީރާނުން އިއްޔެރޭ ދިން މިސައިލް ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ވާހަކަފުޅު ދެއްކެވިފަހުންނެވެ.

އެމެރިކާ ރައްޔިތުންނަ މުޚާތަބު ކުރައްވާ ޓްރަމްޕް ރޭގައި ވިދާޅުވީ، އީރާނުން ދިން މިސައިލް ހަމަލާތަކުން އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ކަމެއްވެފައި ނުވާކަމަށާއި، ހަމަލާ ދިނުމަށްފަހު އީރާން ފަހަތަށް ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި، އީރާނު ސިފައިންގެ އިސް ކޮމާންޑަރ އަބްދުﷲ އަރަޣީ ވިދާޅުވީ، އީރާނު ފަހަތަށް ނުވަތަ ފަސްޖެހިފައިވާކަން ވަރަށް އަވަހަށް އެނގިގެންދާނޭ ކަމަށެވެ. އީރާނުން ދެން ދޭ ހަމަލާތައް މާ ނުރައްކާވާނޭ ކަމަށާއި، އެކަން ވަރަށް އަވަހަށް ކުރާނޭ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އީރާނު ސިފައިންގެ އިސް ކޮމާންޑަރ އަބްދުﷲ އަރަޣީގެ މި ވާހަކަތައް ހާމަކޮށްފައިވަނީ، އީރާނު ސަރުކާރުގެ ތަސްނީމް ނޫސް އޭޖެންސީންނެވެ.

އަނެއްކޮޅުން، އީރާނު ރިވޮލިއުޝަނަރީ ގާރޑްސް ކޮމާންޑުގެ ނާއިބް އަލީ ފަދަވީ ވިދާޅުވީ، އެމެރިކާގެ އަމާޒުތަކަށް އީރާނުން އިއްޔެރޭ ދިން މިސައިލް ހަމަލާތަކަކީ އީރާނުގެ އަސްކަރިއްޔާގެ ގާބިލްކަން އެމެރިކާއަށް ދައްކާލަން ދެވުނު ހަމަލާތަކެއް ކަމަށެވެ. އެ ހަމަލާތައް ހުއްޓުވަން އެމެރިކާ ސިފައިންނަށް ހަމަ އެއްކަމެއްވެސް ނުކުރެވުނުކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި ބޭނުންކުރާ މިސައިލުން ދިފާއުވާ އެންމެވަރުގަދަ އައްޑަނަތައް ގެންގުޅޭ މީހުންނެވެ.

އެހެންނަމަވެސް، އިރާގުގެ އަމްބާރު ޕްރޮވިންސްގައި ހުންނަ އައިނުލް އަސަދު އެއަރބޭސް އަށާއި، އިރްބީލް އެއަރބޭސްއަށް އީރާނުން އިއްޔެރޭ 22 މިސައިލް ފޮނުވާލިއިރު، އެއިން އެއްވެސް މިސައިލެއް އެމެރިކާ ސިފައިންނަށް ހުއްޓުވިފައެއް ނުވެއެވެ. އީރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން ދެ މިސައިލެއް ފިޔަވައި އެހެން ހުރިހާ މިސައިލެއް އަމާޒަށް ވާސިލްވެ ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާން ރިވޮލިއުޝަނަރީ ގާރޑްސް އެއިރޯސްޕޭސް ފޯރސްގެ ކޮމާންޑަރ އާމިރުއަލީ ހަޖީޒާދިހް ވިދާޅުވީ، އީރާނުން ދިން މިސައިލް ހަމަލާތަކަކީ އެމެރިކާ ސިފައިންނަށް އަމާޒުކޮށްދިން ހަމަލާތަކެއް ނޫން ކަމަށެވެ. އީރާނުން ހަމަލާދިނީ އެމެރިކާގެ އަސްކަރީ އާލާތްތައް ހަލާކުކޮށްލަން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރުތަކާއި، އެނޫން، އަސްކަރީ އާލާތްތައް ހަލާކުކޮށްލެވުނު ކަމަށް ވިދާޅުވިއެވެ.

އީރާނުން އިއްޔެރޭ ދިން ހަމަލާތަކަކީ، ސަރަހައްދުގައި ހުރި އެމެރިކާގެ ތަންތަނަށް ދޭންފަށާ ސިލްސިލާ ހަމަލާތަކުގެ ފެށުންކަމަށްވެސް އާމިރުއަލީ ވިދާޅުވެފައި ވެއެވެ.

އާމިރުއަލީ ވިދާޅުވީ، އީރާނުގެ މަގްސަދަކީ މުޅި މެދުއިރުމަތިން އެމެރިކާ ބޭރުކޮށްލުން ކަމަށެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ތަންތަނަށް އަމާޒުކޮށް ފޮނުވާލަން މިހާރުވެސް އެތައްސަތޭކަ މިސައިލެއް ތައްޔާރީ ހާލަތުގައިވާ ކަމަށެވެ.