ތިލަފުށީގައި ހެޔޮއަގުގައި މުދާ ގުދަން ކުރެވޭނެގޮތް މިއަހަރު މިނުމުގެ ކުރިން ތަނަވަސްކޮށްދެއްވާނެ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ތިލަފުށީގައި މަލްޓި ސްޓޯރީ ވެއާހައުސެއް ތަރައްގީކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ގުދަން ކުރެވޭނެ މަގު މިއަހަރު ނިމުމުގެ ކުރިން ތަނަވަސްކޮށްދެއްވާނެކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގެ މުދަލުގެ އަގު 25 އިންސައްތައަށް ތިރިކުރެވިގެން ދާނެކަން އޭނާ ފާހަގަކުރެއްވިއެެވެ.

ވިޔަފާރިވެރިންނާ ދެކެވުނު ވާހަކައިން މާލޭގެ ފިހާރައެއްގައި ވިއްކަން ހުންނަ ދަތް އުނގުޅާ ބުރުހެއްގެ އަގު ހަދާއިރުވެސް މަދުވެގެން ތިރީހަކަށް އިންސައްތަ ގުދަން ކުރުމުގެ އަގުގެ ގޮތުގައި ހިމެނޭކަން އޭނާގެ ވާހަކައިގައި ފަހަގަކޮށްފައިވެއެވެ.

މާލޭގެ މުދާ ގުދަން ކުރެވެނީ އަކަފޫޓަކަށް 40 ރުފިޔާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ގިނަ މުދާތަކުގެ އަގުން 25 އިންސައްތައާ ހަމައަށް އަގު ތިރި ކުރުމުގެ މަސައްކަތް މި ކުންފުނިން ކުރަމުންދާކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެެއީ މިއަހަރު އެ ކުންފުނިން ހާސިލުކުރަން ބޭނުންވާ އަމާޒެއް ކަމަށެވެ.

2018 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު އާމްދަނީގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކުންފުންޏަކަށް ޖީއެމްއައިޒެޑް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ހުރި އެންމެ ބޮޑު ބަޔަކީ ހިންގުމުގެ ހަރަދު ކުޑަކުރެވުމުގެ ސަބަބުން އޭގެ ތެރެއިން ޖަމާކުރެވުނު ފައިސާކަން އިބޫ ވަނީ ފާހަގަކޮށްފައެވެ.