މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ހުސްނު އްސުއޫދު ކުޅުއްވީ ސިޔާސީ ކުޅިގަނޑެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ޑރ ޝަހީމް ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ، އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެކަމަށް ނުރުހުން ފާޅުކުރައްވައި ޑޜ ޝަހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުއޫދު މަސައްކަތް ކުރައްވަނީ ޑރ އަފްރާޝީމްގެ އަސްލު ގާތިލް ފޮރުވުމަށް ކަމަށެވެ. އެގޮތުން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ނަހަމުގޮތުގައި ހިފައި ޑރ އަފްރާޝީމްގެ މަރު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ގާތިލު ފޮރުވުމަށް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރަށް ޝަހީމް ވަނީ ރިޔާސީ ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ތަހުގީގު ފުރިހަމަ ނުކޮށް ރިޕޯޓު ނެރުނު މައްސަލާގައި ގާނޫނީ ފިޔަވަޅުވެސް އަޅަން ޖެހޭނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ މަރު ކޮމިޝަނުން ފޮނުވި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ފޮނުވާލުމުން ދޭހަވަނީ ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއްކަން ކަމަށެވެ. އަދި ސުއޫދު ސުޕްރީޕް ކޯޓުން އަޒުލް ކުރަން ޖެހޭ ކަމަށާއި އޭނާ އަކީ ނަޒާހާތްތެރިކަން ގެއްލިފައިވާ މީހެއް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ޑރ ޝަހީމްއަށް ދައުވާ ކޮށްދިނުމަށް އެދި ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވުމުން ތަހުގީގު ފުރިހަމަކުރުމަށް އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ކޮމިޝަނުން ވަނީ ތަހުގީގުކުރަން ފުލުސް އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ކޮމިޝަނުން އާއްމު ކުރި އިރު، ޑރ. ޝަހީމްގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ރިޕޯޓުގައިވާ ގޮތުން ހާދިސާ ހިނގި ރޭ ޑރ. އަފްރާޝީމް ބައިވެރިވެެވަޑައިގެެންނެވި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައިދެއްވީ ޑރ. ޝަހީމު ކަމަށް ވިދާޅުވެ ދެއްވި ބަޔާނާ ބެހޭގޮތުން ފުށުއެރުންތަކެއް ވަނީ ފާހަަގަކުރެވިއެވެ. އެގޮތުން ކޮމިޝަނުން ކުރި ތަހުހީގުން އެ މައްސަލައިގައި ޑރ. ޝަހީމު، ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އެ ރިޕޯޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.