މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު ޖުމްލަ 16.79 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެއޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން ބުނީ މިއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 2.7 އިންސައްތައިގެ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ 2019 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 2.9 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް އެއޮތޯރިޓީން މައުލޫމާތުދެއެވެ.

2019 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 46 އިންސައްތަ ނުވަތަ 7.74 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީއެވެ. އެއީ 17 އިންސައްތަ ނުވަތަ 2.90 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބުނު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އާމްދަނީގެ 10 އިންސައްތައެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 850.3 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 728.91 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 653.07 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

2019 ވަނަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.56 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށްވުރެ އިތުރުވެފައިވާތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އެގޮތުން، ޓީ.ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 2019 ވަނަ އަހަރު ލިބިފައިވާ ފައިސާ، 2018 ވަނަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ޑިސެންބަރު މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 658.04 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 361.95 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ބީޕީޓީގެ ގޮތުގައި 120.96 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.7 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 68.79 މިލިއަން ރުފިޔާ ވަނީ މީރާއަށް ލިބިފައެވެ. މިދިޔަޑިސެމްބަރު މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 74 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީގެއިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ޑިސެމްބަރު މަހު އާމްދަނީގެ ގޮތުގައި މީރާއަށް ވަނީ ިލިބިފައެވެ.