ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ވަރަށް އަވަހަށް އަލުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

މި ތިން މައްސަލާގައި ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ދައުވާ ކުރުމަށް ފޮނުވާފައެވެ. ދައުވާ ކުރުމަށް ފޮނުވާފައިވަނީ މި މައްސަލަ ތަކުގެ އަޑީގައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތުހުމަތުކޮށް، އެފަދަ ޖަމާއަތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބުނާ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ.

އެހެންންމަވެސް މި މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ފުރިހަމަ ކުރުމަށް ބުނެ ޕްރޮސެކިއުޓާ ގެނެރަލްގެ އޮފީހުން ވަނީ މި މައްސަލަތައް އަނބުރާ ފޮނުވާލާފައެވެ.

މިކަމާ ގުޅިގެން ކޮމިޝަނުން ބުނޫ، ޕީގީން އެދުނު ގޮތަށް ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ދައުވާކުރަން އަލުން ފޮނުވާނެ ކަމަށެވެ.

މި މައްސަލަތަކުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ދެމީހުންގެ އިތުރަށް، ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަލީ ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކުރުމަށްވެސް ކޮމިޝަނުން ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް އެ މައްސަލަވެސް ޕީޖީން ވަނީ އަނބުރާ ފޮނުވާފައެވެ.