ކ. މާފުށީގައި ސަފާރީތައް އަޅާފައި އޮތް ސަރަހައްދުން ސަފާރީ އުޅަނދުތައް ނެގުމަށް އެ ރަށުގެ ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އަންގައިފިއެވެ.

މާފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އެ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިހުރި ސަފާރީތައް އިހްތިސާސް އިން ބޭރަށް ގެންދިއުމަށް އަންގާ ކަމަށެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުގެ (މިއަދުގެ) މެންދުރުފަހު 14:00 ގެ ކުރިން ސަފާރީތައް ނުނަގައިފި ނަމަ އެތަކެތި ނައްތާލާ ނުވަތަ ނީލަން ކިޔައި ވިއްކާލާނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހެއްގައި، ރަށު ކައުންސިލެއްގެ އިހުތިސާސަކީ އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށް ވަނީ ބުނެފައެވެ. ރަށެއްގެ ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގައި 700 މީޓަރަށްވުރެ ކައިރީގައި ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް އޮތްނަމަ، އެ ރަށުގެ އިހްތިސާސްގައި އެ ރިސޯޓެއް ނުވަތަ އިންޓަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިކުރުމަށްފަހު އިހްތިސާސް ކަނޑައެޅެއެވެ.

މި ނޯޓިސްއާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ނަމަވެސް އެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކައުންސިލެއްގެ އިހްތިސާސް މިހާތަނަށް ކަނޑައަޅުއްވާފައި ނުވާކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ނުވަތަ ކޯޓަކުން ކުރާ ހުކުމަކުން ނޫނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއް ނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ނޫންގޮތަކަށް އެއްވެސް މީހެއްގެ މުދަލެއް ނަގައި އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އެލްޖީއޭއިން ބުންޏެވެ.

އެހެންކަމުން މާފުށީގެ ކައިރީގައި އަޅާފައި ހުރި ސަފާރީ އުޅަނދުތަކަށް ފޮނުވި ނޯޓިސް ބާތިލުކުރުމަށް މާފުށި ކައުންސިލަށް އެލްޖީއޭއިން މިހާރު އަންގާފައިވާނެކަމަށް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.