ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއްހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އިސްނަގައިގެން "އޯތެންޓިކް މޯލްޑިވްސް" ގެ ނަމުގައި ހުޅުވި މި ފިހާރައިން ދިވެހިންގެ އަތުން އުފައްދާފައިވާ ދިވެހިވަންތަ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދުފަންތީގެ ސިޔާސަތުގެ ދަށުން ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރުން ހުޅުވި ފިހާރައެކެވެ.

މި ފިހާރައާއެކު ރާއްޖެ ޒިޔާރްކުރާ ފަތުރުވެރިންނަށް ދިވެހި ފަންނުވެރިންގެ އަތުން އުފައްދާފައިވާ އުފެއްދުންތައް ފަސޭހައިން ގަނެވޭނެ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މި ފިހާރައިގައި މިހާރު ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ބައެއް ބްރޭންޑްތަކުގެ އުފެއްދުންތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ހުރެއެވެ. އެގޮތުން ޒީނަތްތެރިވުމަށް ބޭނުންކުރާ ގަހަނާ، ކީ ޗެއިންސް، ދަބަސް، ހެދުން ފަދަ ތަކެތި މިފިހާރައިގައި ހުރެއެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ކުރެހުންތަކާއި ލިޔެލާޖެހި ޓުކުރިތަކާއި ޘަޤާފީ އެކި ކަންކަން ދައްކުވައިދޭ ތަފާތު އުފެއްދުންތައް މި ފިހާރާގައި ލިބެންހުރެއެވެ.

އަދި އަމިއްލަ ފަރާތްތަކުން އެކި ރަހަތައް ހިމެނޭގޮތަށް ހަދާފައިވާ ޗޮކްލެޓާއި ތަފާތު ޕެކޭޖިންގއެއްގައި ހަދާފައިވާ އައްޑޫ ބޮނޑި އަދި ހުއިފިލަނޑާގެ ބާވަތްތަކާއި މަސް މިރުހުގެ ބާވަތްތައްވެސް މި ފިހާރާއިން ގަންނަން ލިބޭނެއެވެ.