ރާއްޖެއަށް މުދާ ގެންނައިރު، އެ މުދަލުގެ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގގައި އެ މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައަޅައިފައިވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި އެ މުދާ އިމްޕޯޓް ކުރަން ޖެހިއްޖެނަމަ، ވެރިފަރާތް ބަދަލުކޮށް ދިނުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލާ އަމަލުކުރަން ފަށައިިފިއެވެ.

މި އުސޫލުގެ ދަށުން ވެރިފަރާތް ނުވަތަ މުދަލުގެ ޝިޕްމަންޓު ރައްދުވާ ފަރާތް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ ދެ ހާލަތެއްގައިއެވެ.

އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދަލުގެ ޝިޕްމަންޓުތައް ރައްދުކުރެވޭ ފަރާތްކަމުގައި ބިލްތަކުގައި ބަޔަންކުރާ ފަރާތް ބަދަލުކުރުމަށް އެދޭ ޙާލަތުގައި އެގޮތަށް ބަދަލުކޮށްދެވޭނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.

އަދި ކޮންސައިނީ ނުވަތަ މުދާ ރައްދުވާ ފަރާތްތަކަމަށް ބިލުތަކުގައި ބަޔާންކޮށްފައިވާ ފަރާތުގެ ތަފުސީލު ލިޔުމުގައި ކުށެއް ހިމެނޭ ޙާލަތްތަކުގައެވެ.

މިދެ ޙާލަތުގައިވެސް އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށައެޅުމުން މުދާ ރައްދުވާ ފަރާތް ކަމަށް ބިލްކުރެވޭ ފަރާތް އެހެން ފަރާތަކަށް ބަދަލުކުރެވޭނެކަމަށް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ.

މުދާ އެކްސްޕޯޓުކުރުމާއި އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓުކުރުމުގެ ގަވާއިދުގެ ދަށުން އެކުލަވާލި މިއުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖެ އެތެރެކުރާ މުދާ ނުވަތަ އެޝިޕްމަންޓަކާއި ގުޅޭ ތަހުގީގެއް މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ކުރިއަށްގެންދާނަމަ އެމުދަލެއް ރައްދުވާ ފަރާތް އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުށައެޅިނަމަވެސް އެކޮންސައިންމަންޓުގެ ކޮންސައިނީ ބަދަލުކޮށް ނުދޭނެއެވެ.

މިޙާލަތުގައި ވެރިފަރާތް ނުވަތަ މުދާ ރައްދުވާ ފަރާތް ބަދަލުކުރެވޭނީ ކަސްޓަމްސްގެ ތަހުގީގު ސެކްޝަނުން އެކަމަށް ހުއްދަ ދިނުމުންކަމަށްވެސް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

ވެރިފަރާތް ބަދަލުކޮށްދެވޭ ފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބަލަހައްޓަމުން ގެންދަންވާނެކަމަށް މި އުސޫލުގައިވާއިރު ކޮންމެ މަހަކު އެއްފަހަރު އެ މައުލޫމާތުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވަން ވާނެކަމަށްވެސް މި އުސޫލުގައިވަނީ ކަނޑައަޅާފައެވެ.