ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެ، ބަޑިޖާހާ މަރައިދިނުމަށް ބައެއް މީހުން އެދެމުންދާކަމަށާއި، ނަމަވެސް އީޕީއޭއިން ހުއްދަދެނީ ވާލާއި ކާޅު ފެއްސުމަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅު ވެއްޖެ އެވެ.

ވާލާ ކާޅު ގިނަވެ އެސޮރުމެންގެ އުދަނގޫ ބޮޑުވުމުން ސިފައިން ނިކުމެ ބަޑިޖަހާ އެތަކެތި މަދު ކުރުމުގެ މަސައްކަތް އެއް އިރެއްގައި ކުރަމުންދިއަ އެވެ. ނަމެވެސް ވާލާއި ކާޅު ބަޑިޖަހައިގެން ނުމަރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

2012 ގައި އެމްއެންޑީއެފް އިން ހިންގި ޕްރޮގްރާމްގެ ތެރެއިން

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވާލާއި ކާޅުގެ އުދަނގޫ ބޮޑުވެ، ބަނޑިޖަހާ ވާލާ ކާޅު މަރައިދޭން މީހުން އެދޭކަމަށެވެ.

ނަމަވެސް ވާލާ ކާޅު މެރުމުގެ ހުއްދަދެނީ އީޕީއޭ އިން ކަމަށާއި، އެ އީޕީއޭ އިން ހުއްދަދެނީ އެތަކެތި ނުމަރާ ފެއްސުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ވާލާއި ކާޅު ފެއްސުމަށް އަމާޒެއް ނެތި ބަޑި ޖެހުމަކީ ޚަރަދު ބޮޑު ކަމެއްކަމަށެވެ. އަދި އެއީ މީހުން ދިރިއުޅޭ ރަށްތަކުގައި ކުރުން ރަގަޅު ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކޮންމެ ދިރުމަކީ ވެސް ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން ވާލާއި ކާޅު މެރުމުން އޭގެ އަސަރު ގަސްގަހާއި ގެއްސަށް ކުރާނެ ކަމަށެވެ.

ނައީމް ވިދާޅުވީ ވާލާ ކާޅު "މެރުމަށް" އެއްވެސް ހާލެއްގައި ހުއްދަ ނުދެވޭނެ ކަމަށެވެ. އެހެންނަމަވެސް އެހެން ވަސީލަތަށް ބޭނުންކޮށްގެން އެތަކެތި "ފެއްސިދާނެ" ކަމަށެވެ.

އަޅުގަނޑުމެން ތާއީދު ކުރާކަމެއް ނޫން ވާލާ ކާޅު މެރުމަކީ. ކޮންމެ ދިރުމަކީވެސް ތިމާވެއްޓާ ވަރަށްބޮޑަށް ގުޅިފައިވާއެއްޗެއް. ވާލާ ކާޅު މެރުމުން މޭވާ އަޅާ ގަސްގަހަށާ އެހެނިހެން ގަސްތަކަށްވެސް ގެއްލުން ލިބޭނެ. އެތަކެތި ނުމަރާ ފެއްސުމަށް ބާރު އަޅަނީ. އެއީ އަޑެއް ބޭނުންކޮށްގެންވިޔަސް ނޫނީ ބެކްޓީރިޔާއެއް ބޭނުންކޮށްގެންވިޔަސް. އަދި އެތަކެތި ފެއްސުމަށް އެހެނިހެން ވަސީލަތައް ބޭނުން ކުރެވިދާނެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް

ވާލާއި ކާލުގެ ސަބަބުން ރަށްތަކުގެ ރައްޔިތުންނަށް އުދަގޫބޮޑުވުމުގެ ޝަކުވާ އިތުރުވެފައި ވާއިރު، މިތަކެތީގެ އުދަނގޫ އެންމެ ބޮޑަށް ކުރަނީ ދަނޑުވެރިންނަށްކަން ފާހަގަކޮށްލެ ވެއެވެ. ވެރިރަށް މާލޭގައިވެސް ވާ ގިނަވެ އެސޮރުމެންގެ އުނގަދޫ ދަނީ ފޯރަމުން ނެވެ.