ގާނޫނީ ހައްގުތައް ކަށަވަރުކޮށްދީ ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑިޝަރީ އިސްލާހުވުން ކަމަށް ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ފަރާތްޕުޅުން، މިވާހަކަ އާންމު ކުރައްވާފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ.

ޑރ. ޖަމީލް އާއްމުކުރެއްވި ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށް ވެސް ބެއިލްގެ ފުރުޞަތު ލިބުމަކީ އިންސާފުގެ ހަމަހަމަކަން ލިބުން ކަމަށެވެ. އަދި ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ އާއި، ޖުޑީޝަރީ އިސްލާޙްވުމަކީ ޤާނޫނީ ޙައްޤު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުން ކަމަށްވެސް މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް ޔާމީން މިފަދަ ގޮތަކަށް ކަންބޮޑުވުން ފާޅު ކުރައްވާފައި މިވަނީ އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފައިވާ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ ކަމަށް ބެލެވެ އެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށްވެސް އެ އަމުރުގައިވެއެެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރި ދުވަހުން ފެށިގެން އެމަނިކުފާނަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އިދިކޮޅުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ވެސް ކުރަމުންނެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕެޓިޝަންގައި ސޮއި ކުރަމުންދާ އިރު ޕީޕީއެމްއާއި ޕިއެންސީގެ އިސް ލީޑަރުން އަންނަނީ ބޭރުގެ ގައުމުތަކުގެ އިސް ފަރާތްތަކާއި އެ ހުކުމުގައި ހުރި ކަންތައްތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރަމުން ކަމަށް ދެ ޕާޓީގެ އިސްފަރާތްތަކުން އަންނަނީ ވިދާޅުވަމުން ނެވެ.

މީގެ އިތުރަށް ކޯޓުން ކޮށްފައިވާ ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް ވެސް ދާދި ފަހުން ވަނީ ގޮވާލާފައެވެ.