ޔޫކްރެއިންގެ މަތިންދާބޯޓު ވެއްޓުނީ އޮޅިގެން ކަމަށާއި އެކަމާމެދު ހިތާމަކުރައްވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރ ޖަވާދު ޒާރިފް ވިދާޅުވެއްޖެ އެވެ.

ޖަވާދު މިހެން ވިދާޅުވެފައި ވަނީ އީރާންގެ ތެހްރާން އެއާޕޯޓުން ނައްޓާލި މަތިންދާބޯޓަށް މިސައިލްތަކެއް އަރާފައިވާ ވީޑިޔޯއެއް އާންމުވެފައިވާ ވަގުތެއްގަ އެވެ.

ބޯޓު ވެއްޓިފައި ވަނީ އީރާނުން، އިރާގުގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ފޮރިން މިނިސްޓަރ ޖަވާދު ވިދާޅުވީ، ކުރެވިފައިވާ ތަހުގީގުތަކަށް ބަލާއިރު އެއީ ގަސްތުގައި ހިންގާފައިވާ އަމަލެއް ނޫންކަމާއި އެއީ "ހިޔުމަން އެރަރ" އަކުން ދިމާވިކަމެއްކަން އެނގޭ ކަމަށެވެ. އެ ހާދިސާ ހިނގާފައި މިވަނީ އެމެރިކާއިން ފެށި ކަންތައްގަނޑެއްގެ ސަބަބުން އަސްކަރީ ހާލަތު ވަރަށް ނާޒުކު ދަނޑިވަޅެއްގައި ވަނިކޮށްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ހަމަނުޖެހުންތައް އިތުރަށް ބޮޑުވެފައިވާކަން ވެސް ޖަވާދު ފާހަގަކުރެއްވި އެވެ.

ޖަވާދު ޒާރިފު އިތުރަށް ވިދާޅުވީ، ބޯޑު ވެއްޓުނު ހާދިސާ އާއި މެދު ހިތާމަ ކުރައްވާ ކަަމަށެވެ. އަދި އެ ހާދިސާގައި ނިޔާވި މީހުންގެ ހުރިހާ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ބޯޓު ވެއްޓުނީ "ހިއުމަން އެރަރ" އަކުން ކަމަށް އީރާނުން ބުނިނަމަވެސް، އެބޯޓަށް މިސައިލް ހަމަލާތައް އަރާ ވީޑިޔޯއެއް ވަނީ ބައިނަލްއަގްވާމީ ބައެއް މީޑިޔާތަކުން ހާމަކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތާއި، އެމެރިކާ އަދި ކެނެޑާއިން ވެސް ވަނީ، އެ ހާދިސާ ހިނގީ މިސައިލް ހަމަލާއެއްގެ ސަބަބުން ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެފަ އެވެ.

މި ހާދިސާގައި ޔުކްރެއިން ބޯޓުން ދަތުރުކުރި 176 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ އީރާނާއި ޔުކްރެއިންގެ ރައްޔިތުން ނެވެ. އަދި ޖަރުމަނާއި، އަފްގާނިސްތާނު އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތުން ވެސް ހިމެނެ އެވެ.