ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި އަލިފާންރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގައިދިއަ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

ހުސްވި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެކެއްގެ ފުރާނަ ގެއްލި ހަތް ގެއަކަށް ގެެއްލުންވި އެވެ. އަދި އެ ސަރަހައްދު ސާފުކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އެސަރަހައްދު ސާފުކޮށް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

ނަމަވެސް މިހާރު އެސަހަރައްދުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

އަލިފާނުގެ ހާދިސާއަށްފަހު ހާލުގައި ޖެހުނު ބައެއް މީހުންނަށް އަލުން ގެތަކަށް ވަދެވޭވަރުވި ނަމަވެސް ބައެއް ގެތައް އެއްގޮތަކަށް ވެސް ބޭނުންކުރެވޭވަރު ނުވާތީ، އެ ގެތަކުގައި ދިރިއުޅެން ހުއްދަދީފައެއް ނުވެ އެވެ.

ރަދުވާނިއާ ގެއަށް ކުނި އަޅާފައި - ފޮޓޯ: ވީނިއުސް

އަލިފާންރޯވެ އަދައިގެން ދިއަ ބައެއް އިމާރާތްތައް ތަޅާލައި އެ ސަރަހައްދު އަދިވެސް ސާފުކުރަމުންދާއިރު، އެތަނުން އެއް ގެއަކީ ހ. ރަދުވާނީއާގެ އެވެ. މީހުންނަށް ދިރިނޫޅެވޭ ވަރަށް މި ގެއަށް ގެއްލުންވެފައި ވާއިރު، މަޑުމަޑުން އެގެއަށް ކުނިޖަމާކުރަމުން ގޮސް މިހާރު އެގޭގެ ތިރީބައި ވަނީ ކުނިގޮނޑަކަށް ބަދަލުވާން ފަށާފަ އެވެ.

އޭޑީކޭ ކުރިމަތިން އޮންނަ މިއަލަނި ގޯޅީގެ ކަންމަތީގައި ހުންނަ ރަދުވާނިއާ ގޭގެ ތިރީބަޔަށް ކުނިތައް ޖަމާކުރަމުންދާއިރު، ނުބައިވަސް ދުވާ ކުޅި ކޮތަޅުތަކާއި، އެކިކަހަލަ ކުނިބުނިން އެތަން ދަނީ ފުރަމުންނެވެ. އަދި އެތަނުން ދުވާ ނުބައި ވަހުގެ އަސަރު މުޅި މަގަށްވެސް ވަނީ ފޯރާފަ އެވެ.

އަލިފާނުގެ ހާދިސާގެ ކުރިންވެސް މިއަލަނި ގޯޅި އަކީ، ދޭތެރެދޭތެރެއިން ކުނިތައް ޖަމާކޮށްފައި ހުންނަ ގޯޅިއެކެވެ. ނަމަވެސް އެ ގޯޅީގައި ސައިކަލް ޕާކް ނުކުރެވޭގޮތަށް ހެދިފަހުން، ގޯޅި ތެރެއަށް ކުނި ޖަމާކޮށްފައި ހުންނަތަނެއް މިހާރަކު ނުފެނެ އެވެ. މިހާރު ފެންނަމުންދާ މަންޒަރަކީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ރަދުވާނީއާ ގޭގެ ތިރީބަޔަށް ކުނިތައް ޖަމާވެފައި ހުންނަ މަންޒަރެވެ.

ރަދުވާނިއާ ގެއަށް ކުނި އަޅާފައި - ފޮޓޯ: ވީނިއުސް

އެތަނަށް ކުނި އަޅަނީ ކޮންބައެއްކަން ނޭންގޭއިރު، އެ ސަހަރަހައްދުގެ ބައެއް އާއްމުން ބުނީ ކުނިއަޅާ ބަޔަކު ނޭންގޭ ކަމަށެވެ. އަދި އެތަނަށް ކުނި ޖަމާކުރަމުންދާއިރު، ދުވާ ނުބައި ވަހުން އެމީހުންނަށް ވެސް އުނދަގޫވާ ކަމަށާއި، އަދި އެއީ މިހާރު ބޮޑު މައްސަލައަކަށްވެފައިވާ ކަމެއް ކަމަށެވެ.

ބިރުވެރި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންވެފައިވާ އެ ސަރަހައްދުގެ ގެތަކަށް ގޭގެ ވެރިފަރާތައްވެސް ނުވަދެވި އުޅެނިކޮށް، އަދި މީހުންގެ ގެދޮރަށް އެގޮތަށް ކުނި އަޅާފައި ހުންނަތަން ފެނިގެންދިއުމުން އެނގިގެންދަނީ މި މުޖުތަމައުގައި އިޖުތިމާއީ އަހުލާގު އޮތް ހިސާބެވެ.

ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި އަލިފާންރޯވެ ހިނގި ބިރުވެރި ހާދިސާގައި ހަތަރު ގުދަނާއި ހަތް ގެއެއް އަނދައި ހުލިވި އިރު، އެ ގެތަކުގައި ދިރިއުޅުނު 400 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. މި ހާދިސާގައި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، 47އ. އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ.