ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަށް މާލެ ސިޓީ ވާއިރު، ކޮންމެ ދިވެހި ރައްޔިތަކުވެސް އުފައްދާ އެންމެ ބޮޑު ސުވާލަކީ މާލެ ސިޓީ މިއީ ހަމަ ގައުމެއްގެ ވެރިކަން ކުރާ ރަށް ނުވަތަ ސިޓީ އޮންނަންވާ ގޮތަށް އޮތް ތަނެއްތޯ ބުނެ ކުރާ ވާލެވެ. މިކަމަކީ މީހަކު ކުރެން އަހަންޖެހޭ ވަރުގެވެސް ކަމެއް ނޫނެވެ. ސޯޝަލް މީޑިޔާގައި ދޭތެރެއިން ދައުރުވާ ޕޯސްޓްތަކާއި ޝުއޫރުތަކަށް ބަލާލުމުން މިކަން އެނގިގެންދެ އެވެ.

މާލޭގެ ގޯތި ގެދޮރުގެ ދަތިކަމާއި، ކުލި ބޮޑުވުމާއި، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެން ނުހިނދި ހުރުމާއި، ޕާކު ކުރާނެ ޖާގައެއް ނެތުމާއި، މާލޭގެ މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު އާންމުންނަށް އެކަށީގެންވާ ރައްކާތެރިކަން ނެތުމާއި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުން ފަދަ ކަންކަމަކީ އެންމެ ބޮޑެތި ކަންކަމުގެ ގޮތުގައި ފާހަގަކުރާ ކަންކަމެވެ.

މިފަދަ ކަންކަމަށް ހައްލު ގެނެސްދޭނެކަމަށް ބުނެ ވާހަކަތައް ދައްކާ، ވައުދުތައްވާ މޫސުމެއް ދޭތެރެ ދޭތެރެއިން އާދެއެވެ. މިހާރު މިއޮތީ އަނެއްކާވެސް އެފަދަ މޫސުމަކާ ލައިގެންފައެވެ. ލޯކަލް ކައުންސިލް އިންތިޚާބަކީ އެއްވެސް އިރެއްގައި މާ ފޯރިގަދަ އިންތިޚާބެއްގެ ގޮތުގައި ބެލެވިފައެއް ނެތެވެ.

އެހެންނަމަވެސް، މިފަހަރު އެކަން ތަފާތުވެގެންދާނެކަން ހާމަވެގެންދަނީ ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތަކުންނެވެ. ރައްޔިތުން ހަގީގަތުގައިވެސް ތިބީ ބަދަލަކަށް ބޭނުންވެފައިކަން އެނގިގެންދެއެވެ.

މާލެ ސިޓީގައި ފެންބޮޑުވެފައި

މިބަދަލު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަމާއެކު ބައެއް ބޭފުޅުން ވަނީ މިހާރު މަލޭ ސިޓީގެ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އޭގެ ތެރޭގައި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އާއި، އަލްހާން ފަހުމީ އާއި، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، އަދި އެޕާޓީގެ ސެކެރަޓަރީ ޖެނަރަލް އަނަސް ޢަބްދުއްސައްތާރު ފާހަގަކޮށްލެވެ އެވެ. އަދި މިނޫނަސް ބައެއް ބޭފުޅުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން ނެވެ. މީގެ ތެރެއިން އަފްޝަން ވަނީ މޭޔަރުކަމަށް ކުރިމަތިނުލައްވާނެކަން ފަހުން ހާމަކުރައްވާފައެވެ.

މިއިން ކޮންމެ ބޭފުޅަކުވެސް އަންނަނީ މިހާރުވެސް ވައުދުތައް ވަމުންނެވެ. މޭޔަރުކަން ލިބިއްޖެނަމަ ކޮށްދެއްވާނެ ކަންކަމުގެ ވާހަކަތައް ދައްކަވަމުންނެވެ. މިހާރު ނުވެ ހުރި ކަންކަމުގެ ވާހަކަތައް ދައްކަވަމުންނެވެ. ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ވައުދުތައް ވަމުންނެވެ.

އެހެންނަމަވެސް، ރައްޔިތުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް އަދިވެސް އެބަހުއްޓެވެ. އެންމެ ގިނައިން އަޑުއިވޭ ވާހަކަ އަކީ މިފަދަ ވައުދުތައް ކުރިންވެސް ވީމުނޫންތޯ ބުނެ ކުރާ ޝަކުވާތަކެވެ. ވޯޓު ދިނުމުންވީ ކީއްތޯ އަހާ މީހުންވެސް މަދެއް ނޫނެވެ. ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމާއި، އިންތިޚާބުގެ ފޯރި ކުޑަވަނީ މިސަބަބުތަކާއި ހުރެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތަށް ބަލާއިރު، ބާރު އޮތީ ކޯލިޝަނަށެވެ. ކޯލިޝަންގެ ތެރެއިންވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަތުގައި އޮތް ބާރު ބޮޑެވެ. ގައުމުގެ ރައީސްކަން ކުރައްވަނީ އެމްޑީޕީގެ މެމްބަރެކެވެ. މަޖިލީހުގެ 65 ގޮނޑިއާއެކު ސުޕަ މެރޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

މިކަންތައް މިހެން ހުރުމާއެކު މި އިންތިހާބަކީ އިދިކޮޅުން ބުރަ މަސައްކަތްތަކެއް ކުރާނެ އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ މިހާރުވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންންވެ. ރަށްރަށަށް ދަތުރުތައް ކުރަމުންނެވެ. މިސަރުކާރުގެ ހުރި ކަމުނުދާ ކަންކަން ރައްޔިތުންނަށް ބުނެދެމުންނެވެ.

ސަރުކާރު ކޯލިޝަންތަކުގެ ޕާޓީތަކުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމް ބަލައިގަތުން މިހާރު ވަނީ ނިންމާލާފައެވެ. މިމަހުގެ 31 ގައި ބާއްވާ ޕްރައިމަރީއިން އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުންވެސް ޔަގީންވެގެންދާނެއެވެ.

އެމްޑީޕީއިން މީގެ ކުރިން ބޭއްވި އެތެރޭގެ ިއންތިހާބެއްގެ ތެރެއިން

ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފޯރިގަދަ ހަރަކާތްތައް ފެށިގެންދާނީ އެހާތަނުން ކަމަށް ބެލެވެއެވެ. މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖަގަހަތައް ހެދުމާއި، ޖަލްސާތައް ބޭއްވުމާއި، ކެމްޕެއިން ލަވަތައް ޖެހުން ކުރިއަށްދާނެއެވެ.

ސުވާލަކީ ރާއްޖޭގެ ވެރިކަން ކުރާ ސިޓީ، މިއަށްވުރެ ފެންވަރު ރަނގަޅު ތަނަކަށް ބަދަލުވެގެންދާނީ މޭޔަރުކަމަށް ކޮން ބޭފުޅަކު އިންތިޚާބުކޮށްގެންތޯއެވެ.

މިސުވާލަށް ޖަވާބު ދިނުމުގައި ވިސްނާލަންޖެހޭ ކަންކަންވެސް އެބަހުއްޓެވެ. މޭޔަރަކު ހޮވުމުގައި ބަލަންވީ ޕާޓީއަށްތޯ، ގާތް ތިމާގެ މީހާއަށްތޯ، ތަޖުރިބާއަށްތޯ. ތައުލީމީ ފެންވަރަށްތޯ، ކެރިގެން ރައްޔިތުންގެ ހައްގުގައި ބަސް ބުނާ މީހާއަށްތޯ، މިއީ ހައްތަހާވެސް ވިސްނަން ހުރި ކަންކަމެވެ.

ކޮންމެ ގޮތަކަށް ބެލިޔަސް، މިއަށްވުރެ ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހަދަން އެބަޖެހޭކަމަކަށް އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. މި އިންތިހާބާއެކު އަނެއްކާވެސް ދިވެހި ރައްޔިތުން ހުވަފެންތަކެއް ދެކެމުންނެވެ. ހަމައެކަނި މާލޭގެ ރަށްވެހިން ނުވަތަ ވަޒަންވެރިންނެއް ނޫނެވެ. އެކި ބޭނުންތަކުގައި މާލެއަށް ޒިޔާރަތްކުރާ މީހުންވެސް މާލެ، މިނޫން އެހެން މާލެއަކަށް ވާނެކަމުގެ ހުވަފެންތައް ދެކެއެވެ.

މިހާރު އުފެދޭ ސުވާލަކީ ރައްޔިތުން މިދެކޭ ހުވަފެންތަކުގައި މިފަހަރު ހަގީގީ ކުލަޖައްސައިދެވޭނީ ކާކަށްތޯ އުފެދޭ ސުވާލެވެ!