ހުސްވި 2019 ވަނަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ފަހެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 653 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު ލިބުނު 623 މިލިއަން ޑޮލަރާ އަޅާ ބަލާނަމަ ގާތްގަނޑަކަށް ފަސް އިންސައްތައިގެ އިތުރު ވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޑޮލަރުން ލިބުނު އާމްދަނީ ރަގަނޅުވެފައި ވަނީ މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ފައިދާ އިތުރުވުމުން ނެވެ.

ޑޮލަރުގެ އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ބައެއް އަދާކުރި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން 2018 ވަނަ އަހަރު ދައުލަތަށް ލިބިފައި ވަނީ 4.7 ބިލިއަން ރުފިޔާ އެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ނިމިދިޔަ އަހަރުކޮށްފައިވެ އެވެ. އެކަމުގެ ނަތީޖާއެއްގެގޮތުން ނިގެންދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ.

މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީ މަސައްކަތް ފަށާފައި ވާއިރު، މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ނަފާ އިތުރުވެގެން ދާނެކަމަށް ސަރުކާރުން ދެކެ އެވެ.