ފަތުރުވެރިކަމަށް ހާއްސަކޮށްގެން ޓީޓީއެމް ޕްލަސްގެ ނަމުގައި ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ އައު ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ.

ޓީޓީއެމްގެ ވެބްސައިޓް އަދި ޓްރެވަލް ޗެނަލް އިފްތިތާޙުކޮށްދެެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، ތޮއްޔިބް މުހައްމަދާއި ޓީޓީއެމް ހިންގާ ކުންފުނި، އޯކާ މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރ ޑރ ސަނީ އުމަރެވެ.

ޑރ ސަނީ ވިދާޅުވީ އައު ވެބްސައިޓާއި ޓީޓީއެމް ޕްލަސް ޗެނަލް ލޯންޗްކުރީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމުގެ މަޤްސަދުގައިކަމަށެވެ.

ޓީޓީއެމް ޕްލަސް ޗެނަލް ހާއްސަ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ރިޒޯޓު ހޮޓާފަދަ ތަންތަނުގެ ވީޑިއޯތައް ފަތުރުވެރިންނަށް ދައްކާލުމަށްކަމަށް ޑރ ސަނީ ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ރާއްޖޭގައި ލިބެން ހުރި އެކި ހިދުމަތްތައް ދައްކުވައިދޭ ޗެނަލަކަށް ޓީޓީއެމް ޕްލަސް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓީޓީއެމް އައު ވެބްސައިޓް އަދި ޓީޓީއެމް ޕްލަސް ޗެނަލްގެ ކޮންޓެންޓް ސޯޝަލް މީޑިއާގައިވެސް ފެންނަން ހުންނާނެކަމަށް ޓީޓީއެމްއިން ބުނެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު ކުންފުންޏެކެވެ.