ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2020 ގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ އެވޯޑްސްގައި ވިޒިޓާސް ޗޮއިސް އަދި ސްޕެޝަލަ ރިކޮގްނިޝަން އެވޯޑްސްގެ އިތުރަށް ނުވަ ކެޓަގަރީއެއްވަނީ އިތުރުކޮށްފައެވެ. އެއާއެކު ޖުމްލަ 52 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު މިއަހަރު ވަނީ ހުޅުވާލައިފައެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ ސަޓާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އެވޯޑުތަކަށް ނޮމިނޭޓް ކުރެވޭއިރު ނޮމިނޭޝަނަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 29ގެ ނިޔަލަށެވެ.

ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓޭލިޓީ ދާއިރާގެ ކުރިއެރުމަށް ސަޓާ އިން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައިވެއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައި ބާއްވާފައިވާއިރު 2017 ވަނަ އަހަރު އެވޯޑް ހަފްލާ ބޭވީ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގަ އެވެ. އަދި އެއައްފަހު އިންޑިއާގެ މުމްބާއީގައިވެސް މި އެވޯޑު ބާއްވާފައިވެއެވެ.

މިއީ ސަޓާ އެވޯޑް ބާއްވާ ފަސްވަނަ ފަހަރެވެ. އެންމެ ފަހުން ސަޓާ އެވޯޑްސް ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގާލޭ ގައެވެ.