އައު އަހަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ހިތްވަރު ދިނުމަށް ސަރުކާރުގެ އިސްވެރިން އަތޮޅުތެރެއަށް ވަޑައިގެންފިއެވެ.

ސަރުކާރުގެ ވަޒީރުންނާއި އަދި ބައެއް އިސްވެރިން ހިމެނޭގޮތަށް ޖުމްލަ 19 އަތޮޅަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ހުރިހާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. މިދަތުރުތަކުގައި ދަރިވަރުންނާއި މުދައްރިސުންނާއި ބައްދަލުކުރައްވައި ދިރާސީ އައު އަހަރު ފެށުމާއެކު ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ ވާހަކަތައް ވަނީ ހިއްސާ ކުރައްވާފައެވެ.

އެގޮތުން އައު އަޒުމަކާ އައު އުއްމީދުތަކާއެކު މިއަހަރު އިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ދަރިވަރުންނަށް ސަރުކާރުގެ އިސްވެރިން ވަނީ ހިތްވަރުދެއްވާފައެވެ. އަދި މަދަރުސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެކުރިން މުސްތަގުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިޔަށްދާނެ ދާއިރާއެއް އިހުތިޔާރުކުރުމުގައި ވިސްނުންތެރިކަމާއެކު ކުރިޔަށް ދިއުމަށް ދަރިވަރުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ދަތުރުތަކުގައި ރަށްތަކަށް ޒިޔާރަތްކުރައްވާ އިސްވެރިން ވަނީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި އެންމެ މުހިންމު އެއް ބައެއް ކަމަށްވާ ހުރިހާ ކުދިން ޝާމިލު ކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ތައުލީމީ މަންހަޖުގެ ތެރެއިން އިސްލާމީ އަގީދާ ކުރިއެރުވުމަށާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ސްކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރުންނާއި އިސްވެރިން ވަނީ އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެއެވެ.