ބޭންކް އޮފް މޯލްޑިވްސްއިން އާ ޗީފް ރިސްކް އޮފިސަރ އާއި ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި އެވެ.

ބީއެމްއެލްގެ އާ ޗީފް ރިސްކް އޮފިސަރ ގެ މަގާމަށް އައްޔަން ކުރެއްވީ ގެރީ ލޯޓަން އެވެ. އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އައްޔަން ކޮށްފައިވަނީ ސުރީ ހާނިމް މުޙައްމަދެވެ.

ބީއެމްއެލް އިން ބުނީ ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިންގ އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.

ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމްތަކެއް ފުރުއްވައި 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ކަނބަލެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ. ސުރީވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކަމާއި އެގްޒެކްޓިވް ޑިރެކްޓަރ ގެ މަގާމްވެސް ފުރުއްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިީ ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދޭ ކަމަށެވެ. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ.

އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަޤްވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގ ޚިދުމަތް އިތުރު ހަރުފަތަކަށް ދިޔުން. ގެރީ އާއި ސުރީގެ އަށް ކާމިޔާބީއަށް އެދެން."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ